މިނިވަން މުސްތަގިއްލު މަގާމުތަކާއި ކޮމިޝަންތަކުގެ މެންބަރުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިސް ބޭފުޅުން ވެސް މަޤާމުތަކާ ހަވާލުވާތާ އަހަރެއް ފަހުން މާލީ ބަޔާން ހުށަހަޅަންޖެހޭ ގޮތް ހެދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެވެ.
އެގޮތުން މެންބަރު މުހައްމަދު އިބްރާހީމް ވަކިވަކިން މި އިސްލާހުތައް ހުށަހެޅުއްވި ސަބަބެއްކަމަށް ވިދާޅުވީ، މިނިވަން މުސްތަގިއްލު ކޮމިޝަންތަކުގެ މެންބަރުންނާއި އިސް މަޤާމުތައް ފުރުއްވަވާ ބޭފުޅުންގެ މުދަލާއި ފައިސާގެ ބަޔާން ހާމަކުރުން ލާޒިމްކޮށްފައިނުވާތީ، އެ ބޭފުޅުން ވެސް ޖަވާބުދާރީކުރެވޭނެ އުސޫލެއް ގާއިމްކުރުން ކަމަށެވެ.
އެގޮތުން މެންބަރު މުހައްމަދު އިބްރާހީމް އިސްލާހު ހުށަހެޅުއްވީ އޮޑިޓް ގާނޫނަށާއި ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށެވެ.
މި ދެ ގާނޫނުގެ ތެރެއިން ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި މޮނިޓާކުރުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވި ސަބަބުގައި ކުޑޫ ފާހަގަކުރެއްވީ، އުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ހިންގުމާއި އަސާސީ ޚިދުމަތްތައް ޤާއިމްކުރުމާއި ފޯރުކޮށްދިނުމުގެ މަސައްކަތް ކުރުމުގެ އިތުރުން ދައުލަތުގެ މުހިންމު ބައެއް އެސެޓުތައް މެނޭޖުކުރަނީ ސަރުކާރު ކުންފުނިތަކުގެ އިސް ވެރިން ކަމަށެވެ.
އެހެންކަމުން މެންބަރު ހުށަހެޅުއްވީ، މި މަޤާމުތަކާ ހަވާލުވާ ބޭފުޅުން ހަވާލުވާތާ ފުރަތަމަ 30 ދުވަހުގެތެރޭ އެ ފަރާތެއްގެ މިލްކިއްޔާތުގައިވާ ފައިސާއާއި މުދަލުގެ ތަފްސީލުތައް ހުށަހަޅަންޖެހޭ ގޮތް ހެދުމަށާއި، މަޤާމުތަކާ ހަވާލުވާތާ އެއް އަހަރު ދުވަސް ފާއިތުވާތާ ތިން މަހުގެ ތެރޭ ލައިސަންސް ލިބިފައިވާ އޮޑިޓަރަކު އޮޑިޓްކޮށްފައިވާ މާލީ ބަޔާނެއް ހުށަހެޅުމަށެވެ.
އަދި މާލީ ބަޔާން ބަޔާންކޮށްފައިވާ މުއްދަތުގައި ހުށަނާޅައިފިނަމަ 5،000 ރުފިޔާއިން ޖޫރިމަނާކުރަން ވެސް ކުޑޫ ހުށަހެޅުއްވިއެވެ.



