އދ. މާމިގިލީގައި ތަރައްޤީކުރާ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަމް (އާރްޑީސީން) ފަށައިފިއެވެ.
މި ހޮސްޕިޓަލުގެ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މާމިގިލިއަށް ވަޑައިގެން ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދާ ހޮސްޕިޓަލުގެ ރަސްމީކޮށް ފައްޓަވައި ދެއްވީ ފިނޭންސް މިނިސްޓަރ މޫސާ ޒަމީރާއި، މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާޙީމް އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ.
މާމިގިލީގައި ތަރައްޤީކުރަނީ 30 އެނދުގެ ހޮސްޕިޓަލެކެވެ. މި ހޮސްޕިޓަލް ނިމިގެންދާއިރު ޑައިލިސިސް ހިމެނޭހެން ގިނަ ޚިދުމަތްތަކެއް ޤާއިމްކުރެވޭނެކަމަށް ސަރުކާރުން ހާމަކޮށްފައިވެއެވެ. މިއީ ސަރުކާރުން 105 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢުއެކެވެ. މިމަޝްރޫޢު 540 ދުވަހުގެ ތެރޭގައި ނިންމުމަށް ވަނީ ކަނޑައަޅާފައެވެ.


