އަންނަ އަހަރަށް ލަފާކޮށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް 134 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅައިފިއެވެ.
އެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބަޖެޓާ ގުޅޭގޮތުން މައުލޫމާތު ހިއްސާކޮށްފައެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ ބަޖެޓަކީ ދައުލަތުގެ ބަޖެޓާ ވަކިން މަޖިލީހަށް ހުށައަޅަންޖެހޭ ބަޖެޓެކެވެ. އެގޮތުން އެ އޮފީހުގެ ޚަރަދުތައް ތަފްސީލުކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓު މަޖިލިހުން ފާސްކުރުމުން، އެ އަދަދު ފިނޭންސް މިނިސްޓްރީން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި ހިމަނާނެއެވެ.
އެގޮތުން އަންނަ އަހަރަށް ލަފާކޮށް، އޮޑިޓަރ ޖެނެރަލްގެ އޮފީހުން ވަނީ 134 މިލިޔަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައެވެ. މިއީ މިހާރު ހިނގަމުންދާ އަހަރުގެ ބަޖެޓަށްވުރެ 20 މިލިޔަން ރުފިޔާގެ އިތުރު އަދަދެކެވެ.
އޮޑިޓަރ އޮފީހުން މާލިއްޔަތު ކޮމިޓީއަށް ހުށަހެޅި ބަޖެޓުގައިވާގޮތުން އަންނަ އަހަރު ރިކަރަންޓު ޚަރަދުގެ ގޮތުގައި 89 މިލިޔަން ރުފިޔާ އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 3 މިލިޔަން ރުފިޔާ ހިމެނޭހެން ޖުމްލަ 92 މިލިޔަން ރުފިޔާ ހޭދަވާނެކަމަށް ވަނީ ލަފާކޮށްފައިވެއެވެ.
އޮޑިޓް އޮފީހުގެ ބަޖެޓުގެ ގޮތުގައި ހުށަހަޅާފައިވަނީ މިއަހަރުގެ ބަޖެޓަށްވުރެ ބޮޑު ބަޖެޓެކެވެ. އެގޮތަށް ހުށަހެޅުއްވީ އެކި ޑިޕާޓްމަންޓުތަކަށް ސީނިއަރ އޮޑިޓަރުން ނަގަންޖެހޭތީ ކަމަށާއި، މިހާރުވެސް 22 ޑިޕާޓްމަންޓެއްގެ ތެރެއިން ހަތް ޔުނިޓުގެ މަސައްކަތް ކުރަނީ ސީނިއަރ އޮޑިޓަރެއް ނެތި ކަމަށް އެ އޮފީހުން ބުންޏެވެ. އަދި މިދިޔަ ސެޕްޓެމްބަރު މަހުން ފެށިގެން އޮޑިޓް ފަންޑުގެ މުވައްޒަފުން ނޭޝަނަލް ޕޭ ފްރޭމްވަރކަށް ބަދަލުކޮށްފައިވާއިރު އެ މުވައްޒަފުންގެ މުސާރައަށްވެސް 9.1 މިލިޔަން ރުފިޔާ އިތުރުވެފައިވާކަމަށްވެސް އޮޑިޓު އޮފީހުން ކޮމިޓީގައި ބުނެފައިވެއެވެ.




