ޑްރަގް ޕްރިވަލަންސް ސާވޭއާއެކު ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެއްޗާ ގުޅޭ ފުރިހަމަ މައުލޫމާތު ލިބިގެންދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ ރާއްޖޭގެ މަސްތުވާކެތީގެ ހާލަތާ ގުޅޭ ގޮތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހިމް ކުރެއްވި ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
މެމްބަރުގެ ސުވާލަށް ޖަވާބުދެއްވާ ވަޒީރު ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމަށް ޑްރަގް ޕްރިވަލެންސް ސާވޭއެއް ހެދުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
އެގޮތުން، މި ސާވޭ ހެދުމަށް ކަމާއި ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރެވި ފުލުހުންގެ ޚިދުމަތާއި ނޭޝަނަލް ޑްރަގް އެޖެންސީ އާއި ޑްރަގް ކޯޓުން ޕްރައިމަރީ ޑޭޓާ ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މި ސާވޭ ހެދުމަށް އދ.ގެ އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް، ޔޫއެންއޯޑީސީގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
”މަސްތުވާތަކެތި ބޭނުންކުރާ މީހުންނަކީ ޞިއްޙީ ނުރަނގަޅު އާދަކާދަތައް އަށަގެންފައިވާ ބަޔަކަށްވާތީ ގައިންގަޔަށް އަރާ ބަލިތަކާއި އެ ނޫންވެސް ބަލިތައް އެ މީހުންގެ ފަރާތުން ފެތުރުމުގެ ހިރާސް ވަރަށް ބޮޑު“ މިނިސްޓަރު ވިދާޅުވިއެވެ.
އެހެންކަމުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން އެފަދަ ބަލި މީހުން ދެނެގަނެވުމާއެކު އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ އެހީތެރިކަމާއެކު އެ މީހުންގެ އާއިލާތަކާ ގުޅިގެން ނޭޝަނަލް ޑްރަގް އެޖެންސީން ޞިއްޙީ އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
”މި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ރާއްޖޭގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތައް އެންޑީއޭއަށް ދެނެގަނެވޭނެ“ މިނިސްޓަރު ވިދާޅުވިއެވެ.
މިގޮތުން މިހާރު ކުރިއަށްދާ ޑްރަގް ޕްރިވަލަންސް ސާވޭ ނިމުމުން ރާއްޖޭގެ ހުރިހާ ހިސާބެއްގައި ބޭނުންކުރާ މަސްތުވާތަކެތީގެ ބާވަތްތަކާއި އެ ތަކެތި ބޭނުންކުރާ ގޮތްތަކުގެ ފުރިހަމަަ މައުލޫމާތު ލިބިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އެފަދަ މީހުންނަށް ފަރުވާ ދިނުމަށް އެންޑީއޭއިން ގެންގުޅޭ ސިޔާސަތަކީ އެ މީހުންގެ ސައިކޭޓްރިކް އިވެލުއޭޝަން ހަދައި، ސައިކޭޓްރިކް ފަރުވާއާއި ސިމްޕްޓޮމެޓިކް މެޑިކަލް ޓްރީޓްމަންޓުގެ ގޮތުގައި ދޭންޖެހޭ ފަރުވާއާއެކު ފަރުވާގެ ޕްލޭން ހަދައި، އެ ޕްލޭނާ އެއްގޮތަށް ފަރުވާ ދެމުން ގެންދިއުން ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
އަދި އެންޑީއޭއިން ރިސަރޗް އެނަލިސިސް ހެދުމަށްޓަކައި ޕާޓީ ޑްރަގް ބޭނުންކުރުމާއި ނަފްސާނީ މައްސަލަތަކާ ގުޅުންހުރި މިންވަރު ދެނެގަތުމަށްޓަކައި ޑޭޓާ ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.



