އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން އެ ކުންފުނީގެ ލޯނު ޕޯޓްފޯލިއޯ ޝަރީޢާ ހުއްދަކުރާ ޕޯޓްފޯލިއޯއަކަށް ބަދަލުކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އެންމެ ފުރަތަމަ އެސްޑީއެފްސީ އިން ބޭނުން ކުރަމުންދާނީ އިސްލާމިކް ބޭންކިންގައި ބޭނުންކުރާ ޑިމިނިޝިންގ މުޝާރަކާ ކޮންޓްރެކްޓެވެ. އަދި އިންތިޒާމުތައް ހަމަޖެހެމުންދާވަރަކުން ކުރިއަށް އޮތްތާގައި، ވަކާލާ ބިލް އިސްތިޘްމާރު އަދި ތަވައްރުޤު ފަދަ އިސްލާމިކް ބޭންކިންގެ ކޮންޓްރެކްޓްތަކުގެ އެހީގައި މި ބަދަލުތައް ގެނައުން އިތުރަށް ފުޅާކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޝަރީއާ ކޮމްޕްލަޔަންޓް ޑިޖިޓަލް ސަބްސިޑިއަރީއެއްގެ ގޮތުގައި އެސްޑީއެފްސީން އައު ބާބެއް ފަށާއިރު، މި ބަދަލަކީ ދިވެހިރާއްޖޭގެ އެސްއެމްއީ ސެކްޓަރަށް އައު އީޖާދީ ހައްލުތައް ހޯދައިދިނުމާއި މާލީ ބައިވެރިވުން އިތުރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް އެސްޑީއެފްސީއިން ބުންޏެވެ.
މީގެއިތުރުމް އެސްޑީއެފްސީއިން ބުނީ، މި ބަދަލުގެ މުހިންމު ބައެއްގެ ގޮތުގައި، އެސްޑީއެފްސީ އިން ދޫކޮށްފައިވާ ކޮންވެންޝަނަލް ފެސިލިޓީތައް، ޝަރީޢާ ހުއްދަކުރާ ފެސިލިޓީތަކަށް ބަދަލުކުރުމުގެ މަސައްކަތްވެސް ފެށޭނެކަމަށެވެ.
މީގެތެރޭގައި ހާއްސަ އިސްކަމެއް ދީގެން، ކުރިން ލޯނު ދޫކޮށްފައިވާ ފަރާތްތަކުގެ ތެރެއިން އެކި ސަބަބުތަކާހުރެ، ދޫކޮށްފައިވާ ލޯނުތަކަށް ފައިސާދެއްކުން ދަތިވެފައިވާ ފަރާތްތަކަށް ހައްލު ހޯދައިދިނުން ހިމެނެއެވެ.
މިގޮތުން އިސްލާމިކް ރިފައިނޭންސިންގ އުސޫލުތަކުގެ ތެރެއިން ފައިސާ ޚަލާސްކުރަން އޮންނަ މުއްދަތު އިތުރުކޮށްދިނުން ފަދަ ލުއިތައް ހޯދައިދިނުން ހިމެނެއެވެ. މިބަދަލާއެކު، ޝަރީޢާ ހުއްދަކުރާ އުޞޫލުތަކުގެ ތެރެއިން، ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ފެސިލިޓީތައް ރެގިއުލަރައިޒް ކުރުމުގެ މަގުފަހިވެގެންދާނެކަމަށްވެސް އެސްޑީއެފްސީއިން ބުންޏެވެ.




