އދ. މާމިގިލީގައި ތަަރައްޤީ ކުރި ފަޔަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ހުޅުވައިދެއްވައިފިއެވެ.
މާމިގިލީ ފަޔަރ ސްޓޭޝަން ހުުޅުވައިދެއްވީ އދ. އަތޮޅަށް ރައީސް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައ މާމިިގިއްޔަށް ވަޑައިގެން މިއަދު ހެނދުނު އެ ރަށުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ފަޔަރ ސްޓޭޝަނާއެކު ރާއްޖޭގައި ޤާއިމު ކުރި ފަޔަރ ސްޓޭޝަންތަކުގެ އަދަދު 15އަށް ވަނީ އިތުރުވެފައެވެ.
މި ފަޔަރ ސްޓޭޝަން ހުޅުވުމަށްޓަކައި މަސައްކަތްތައް ނިންމާލުމުގައި މާމިގިލީ ޕޮލިސް ސްޓޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)އަދި މާމިގިލީ ކައުންސިލް އިދާރާއާއި، ވިލާ ގްރޫޕްގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައިކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މާމިގިލީ ފަޔަރ ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރުންނާއި، ރައްޔިތުން މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ، ޤާސިމް އިބްރާހީމާއި، ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއާއި، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ކޮމަޑާންޓް، ކާނަލް އަޙްމަދު ޠާހިރާއި، ސަރވިސް ކޯރގެ ކޮމަޑާންޓް، ކާނަލް އިސްމާޢީލް ނަޞީރާއި، އެ ރަށުގައި ޤާއިމްކޮށްފައިވާ ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.



