މާފަރު ފަޅު ހިއްކާ އަރބަން ސެންޓަރުގެ ގޮތުގައި ތަރައްޤީކުރުމަށް މޯލްޑިވްސް އެއަޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އާ ހަވާލުކޮށްފިއެވެ.
މާފަރު ފަޅަކީ މަހިބަދޫގެ އިހްތިޞާސްގެ ދަށުގައި އޮންނަ ފަޅެކެވެ. އެއީ މަހިބަދޫއާ އޮމަދޫއާ ދެމެދު އޮންނަ ބޮޑު ފަޅެކެވެ.
މާފަރު ފަޅު ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް ޝަރީފް މުޙައްމަދުއެވެ.



