އަންނަ ދިރާސީ އަހަރު ކިޔެވުން ފެށޭއިރު ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގެ ކްލާސްރޫންތައް ހުންނާނީ އޭސީ ކޮށްފައި ކަމަށާއި ދަރިވަރުން ކިޔަވަންދާނީ އޭސީ ކްލާސްރޫމްތަކަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރޭގައި ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ އދ. އަތޮޅުގެ ރަށްތަކަށް މިދިޔަ ހޯމަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި އެ އަތޮޅު މަހިބަދޫއަށް ރޭގައި ވަޑައިގެން ރައްޔިތުންނާ މުހާތަބުކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން ރައީސް ވިދާޅުވީ ތައުލީމީ ދާއިރާއަށް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމަށާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތައުލީމީ އުމްރާނީ ވަސީލަތްތައް ގާއިމް ކުރުމުގެ މަސައްކަތް އެއްފަހަރާ ކުރިއަށްދާ ކަމަށެވެ.
އޭގެތެރޭގައި ތައުލީމީ ދާއިރާ އިތުރަށް ކުރިއެރުވުމަށް އަލަށް ފަށާ މަޝްރޫއުތަކާއި ކުރިން ފަށާފައިވާ ނަމަވެސް ”ގުޑާނުލައި“ ހުރި މަޝްރޫއުތައް ވެސް ހިމެނޭ ކަމުގައި ރައީސް ވިދާޅުވިއެވެ.
”އަޅުގަނޑުމެން އޮންނާނީ ވައުދުވެފައި މި އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސްކޫލެއްގެ ހުރިހާ ކްލާސްރޫމެއް އޭސީ ކުރާނަމޭ. އެކަން އެޑިއުކޭޝަން މިނިސްޓްރީން ވަރަށް ރަނގަޅަށް ކުރިއަށް އެބަ ގެންދަވާ. އަންނަ ދިރާސީ އަހަރަށް ކުދިން ރާއްޖޭގެ ހުރިހާ ސްކޫލަކަށް ނިކުންނާނީ އޭސީ ކުރެވިފައި ހުރި ކްލާސްރޫމުތަކަށް ކިޔަވަން. އަދި ޓީޗަރުން ވެސް ބޭނުން ކުރާނީ ޓީޗަރުންގެ ސްޓާފްރޫމްތައް ވެސް ހުންނާނީ ދިރާސީ އަހަރަށް ނިކުންނައިރު އޭސީ ކުރެވިފައި “ ރައީސް މުޢިއްޒު ވިދާޅުވިއެވެ.
ރޭގެ ބައްދަލުވުމުގައި ރައީސް އިތުރަށް ވިދާޅުވީ، ކްލާސްރޫމްތައް އޭސީ ކުރުމަށް ފަހުގައި، ދެވަނަ ފިޔަވަހީގައި ހިމެނެނީ ސްކޫލްތަކުގެ ހޯލްތައް އޭސީ ކުރުން ކަމަށެވެ.



