އދ. ކުނބުރުދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މި މަސައްކަތް ފަށާފައިވަނީ، އދ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިދިޔަ ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން، މިއަދޔ ކުނބުރުދޫއަށް ވަޑައިގެންނެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފައްޓަވާދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން އެވެ.
މި މަސައްކަތް ހަވާލުކޮށްފައިވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއެވެ.
ކުނބުރުދޫގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ އަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް މުޢިއްޒު އާއި މިނިސްޓަރ އިހުސާންގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢިލް ނަވީން، މަހިބަދޫ ދާއިރާގެ މަޖިލިސް މެމްބަރު އަހުމަދު ޠާރިޤު، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް އަދި ކުނބުރުދޫ ކައުންސިލްގެ ރައީސް މުޙައްމަދު ޢަޒުމީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި މަޝްރޫއުއަކީ 2،038،355.90 ރުފިޔާއަށް 300 ދުވަސް ތެރޭގައި ނިންމުމަށް ހަވާލުކޮށްފައިވާ މަސައްކަތެކެވެ.


