ޓެކްސް އެޕީލް ޓްރައިބިއުނަލުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލާފައިވާ ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރަށް، އޭނާގެ ނަން ދިރާސާކުރި ކޮމިޓީން އެންމެ ގިނަ މާކްސް ލިބިއްޖެއެވެ.
އެ މަގާމަށް ކުރިމަތިލެއްވި ހަ ބޭފުޅެއްގެ ނަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވިއިރު، ލިސްޓުގެ އެއްވަނައިގައި އޮތީވެސް މަހާޒްގެ ނަމެވެ.
އެގޮތުން ރައީސް މުޢިއްޒު ފޮނުއްވި ލިސްޓުގައި ހިމެނޭ ބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށް ފަހު، ޖުޑީޝަރީ ކޮމިޓީން އެކުވަލައިލި ރިޕޯޓްގައި އެ ކޮމިޓީން އެދިފައި އޮތީ 75 ޕަސެންޓުން ފެށިގެން މަތިން މާކްސް ދީފައިވާ ދެ ބޭފުޅަަކަށް ރުހުން ދިނުމަށެވެ.
ރައީސް ފޮނުއްވި ލިސްޓުގައިވާ ހަ ބޭފުޅުންގެ ތެރެއިން ކޮމިޓީން މާކްސް ދީ، ރިޕޯޓްގައި ހިމަނާފައި އޮތީ ފަސް ބޭފުޅެއްގެ ނަމެވެ. އެ ލިސްޓުގައި 97 ޕަސެންޓް މާކްސްއާ އެކު އެއްވަނައިގައި އޮތީ މަހާޒްއެވެ.
ދެވަނަގައި އޮތީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ބ. އަތޮޅު މެންބަރުކަން ކުރެއްވި އިބްރާހީމް އަފީފެވެ. އޭނާއަށް ލިބިފައިވަނީ 91 ޕަސެންޓް މާކްސްއެވެ.
ޖުޑީޝަރީ ކޮމިޓީން އިއްޔެ ކުރި އިންޓަވިއުގައި މަހާޒް ވިދާޅުވީ، ޓެކްސް އެޕީލް ޓްރައިބިއުނަލްގައި މިހާރު ތިބި މެންބަރުންގެ ދައުރު ނިމެން ދެ މަހަށް ވެފައި އޮތަސް އެ ޓްރައިބިއުނަލްގެ މެންބަރުކަމަށް ކުރިމަތިލެއްވީ ނިޒާމު ހިނގާ ގޮތް ބައްލަވަން ޝައުގުވެރިވެވަަޑައިގަންނަވާތީ ކަމަށެވެ.




