ޚިޔާނާތުގެ ކުށް ސާބިތުވެ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ހަތަރު އަހަރަށް ޖަލަށްލާން މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ދައުލަތުން ބައްސާމްގެ މައްޗަށް ޚިޔާނާތުގެ ދައުވާ ކުރީ، އެފްއޭއެމްގެ ރައީސްގެ މަގާމުގައި އޭނާ ހުރިއިރު 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ޖަމާކުރި ފައިސާގެ ތެރެއިން 10،000 ޑޮލަރު (154،000 ރުފިޔާ) ބޭންކަށް ލިޔުންތަކެއް ހުށަހަޅައިގެން ބައްސާމްގެ އެކައުންޓަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކުރި ކަމަށް ބުނެއެވެ. އެ ފައިސާ ޖަމާކުރީ ބޭންކް ޗާޖްތައް އުނިކުރުމަށްފަހު ކަމަށްވާތީ ބައްސާމްގެ އެކައުންޓަށް ޖަމާވީ 9،999 ޑޮލަރެވެ.
މި މައްސަލަ ބެއްލެވި ގާޒީ އިސްމާއިލް ޝަފީއު ވިދާޅުވީ އެ ފައިސާ ބައްސާމްގެ އެކައުންޓަށް ޖަމާވިކަން ލިޔުންތަކުންނާއި ބައްސާމްގެ އިއުތިރާފުންވެސް ސާބިތުވާ ކަމަށެވެ.
އެއީ އެފްއޭއެމްގެ ރައީސްގެ ހައިސިއްޔަތުން ލިބެންޖެހޭ އެލަވަންސްގެ ފައިސާ ކަމަށް ބައްސާމްގެ ފަރާތުން ބުނި ނަމަވެސް، އެ ފައިސާ ޖަމާވުމުގެ ދުވަސްކޮޅެއް ކުރިން، ރައީސްގެ އެލަވަންސްގެ ފައިސާ އެފްއޭއެމްއިން ޖަމާކޮށްފައިވާތީ އެ 9،999 ޑޮލަރަކީ އެލަވަންސްގެ ގޮތުގައި ލިބުނު ފައިސާ ނޫން ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.
މީގެއިތުރުން ގާޒީ ޝަފީއު ވިދާޅުވި ގޮތުގައި ބައްސާމްއާ ހަވާލުކޮށްގެން ޑޮލަރު މާރު ކުރުމުގެ އެކި މުއާމަލާތްތައް އެފްއޭއެމްއިން ކުރިން ވެސް ހިންގާފައިވާއިރު، އަދި އެ މައްސަލާގައި ހުށަހެޅި ހެކިތަކުން ވެސް އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަން އެނގޭއިރު، އެ ޑޮލަރަށްވާ ދިވެހި ރުފިޔާ އެފްއޭއެމްއަށް އަނބުރާ ލިބިފައެއް ނުވެއެވެ. އަދި އޭގެ ބަދަލުގައި އެ ޑޮލަރުތައް ބައްސާމްގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާކަން ހެކިތަކުން އެނގޭތީ ބައްސާމްގެ މައްޗަށް ހިޔާނާތުގެ ކުށް ސާބިތުވާ ކަމަށް ކަނޑައެޅުއްވީ ކަމަށް ގާޒީ ވިދާޅުވިއެވެ.
ކުށް ސާބިތުވާކަމަށް ނިންމުމަށްފަހު އަދަބާބެހޭގޮތުން ވާހަކަ ދައްކަން ދިން ފުރުސަތުގައި ދައުލަތުން ބުނީ އެ ކުށުގެ އަސާސީ އަދަބަކީ އެއް އަހަރާއި ހަތް މަހަށް ޖަލަށްލުން ކަމަށް ވިޔަސް، އަދަބުގެ ދަރަޖަ އެންމެ މަތިކޮށް، ހަތަރު އަހަރުގެ ޖަލު ހުކުމެއް ބައްސާމްގެ މައްޗަށް އިއްވުމަށް އެދޭ ކަމަށެވެ.
ނަމަވެސް ބައްސާމްގެ ވަކީލް އެދިވަޑައިގަތީ އޭނާގެ ކުށުގެ ރެކޯޑެއް ކުރިން ނެތުމުން އަސާސީ މިންގަނޑަށް ވުރެ އަދަބުގެ އެއް ދަރަޖަ ދަށް ކުރުމަށެވެ. އަދި އަދަބާ ބެހޭގޮތުން އެއްޗެއް ބުނުމުގެ ފުރުސަތު ބައްސާމަށް ގާޒީ ދެއްވުމުން އޭނާ ބުނީ އެއްވެސް އެއްޗެއް ބުނަން ނެތް ކަމަށެވެ.



