މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑް-19ގެ ދުވަސްވަރުގައި ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެންނަން ދުބާއީގެ ކުންފުންޏަކަށް ފައިސާ ދެއްކިނަމަވެސް، އެ ތަކެތި ލިބިފައިނުވާ މައްސަލައިގައި ރާއްޖޭ ސަރުކާރަށް 37 މިލިއަން ރުފިޔާ ދައްކަން ދުބާއީގެ ކޯޓަކުން އަމުރުކޮށްފިއެވެ.
ވެންޓިލޭޓަރުތައް ގެންނަން 2020 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 2 ވަނަ ދުވަހު ހެލްތު މިނިސްޓްރީން އެއްބަސްވުން ހަދާފައިވަނީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުންޏާ އެކުގައެވެ.
މި މައްސަލައާ ގުޅިގެން ރާއްޖެއަށް 34.5 މިލިއަން ރުފިޔާ ދައްކަން މޯލްޑިވިސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ވަނީ އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އަންގާފައެވެ.
އެ ފައިސާ ހޯދުމަށް ދުބާއީގެ ކޯޓުތަކަށް ވެސް ހުށަހަޅާނެ ކަމަށް އެޓާނީ ޖެނެރަލް އަހްމަދު އުޝާމް ވަނީ މިދިޔަ އަހަރުގެ މާރިޗް މަހު ވިދާޅުވެފައެވެ.
އެނގިފައިވާ ގޮތުގައި، މި މައްސަލައާ ގުޅިގެން ދުބާއީގެ ކޯޓަކުން ވަނީ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ދިވެހި ސަރުކާރަށް 8.9 މިލިއަން ދިރުހަމް (37 މިލިއަން ރުފިޔާ) ދައްކަން އަމުރުކޮށްފައެވެ.
ކޮވިޑް ހާލަތާ ގުޅިގެން 75 ވެންޓިލޭޓަރު ގެންނަން އެއްބަސްވިނަމަވެސް، އެ ކުންފުނިން ފޮނުވާފައިވަނީ 10 ވެންޓިލޭޓަރެވެ. ނަމަވެސް އެ ކުންފުންޏަށް ދައްކަންޖެހޭ 34 މިލިއަން ރުފިޔާގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުނިން ވަނީ އެޑްވާންސްކޮށް ނަގާފައެވެ.




