އަފްޣާނިސްތާނުގައި ހިނގަމުންދާ ޠާލިބާން ސަރުކާރުން ދާދިފަހުން މޮބައިލް ފޯނާއި އިންޓަނެޓުގެ ހިދުމަތް ކަނޑާލުމަށްފަހު އަލުން އެ ހިދުމަތް ދޭން ފެށިތާ ހަފްތާއެއް ފަހުން، އެ ޤައުމުގައި ސޯޝަލް މީޑިއާ ބޭނުންކުރާ މިންވަރު ލިމިޓުކޮށްފިއެވެ.
އެގޮތުން އަފްޣާނިސްތާނުގެ އިންޓަނެޓްގެ ކަންކަން ބަލަހައްޓާ ނެޓްބްލޮކްސް އިން ބުނެފައިވަނީ ފޭސްބުކް، އިންސްޓަގްރާމް އަދި ސްނެޕްޗެޓް ހިމެނޭ ގޮތުން ސޯޝަލް މީޑިއާ ބޭނުންކުރެވޭ މިންވަރު ވަކި ވަރަކަށް މިހާރު ލިމިޓުކޮށްފައިވާ ކަމަށެވެ.
ރިޕޯޓުތަކުން ބުނާ ގޮތުގައި، އަފްޣާނިސްތާނު ސަރުކާރުން އަޅާފައިވާ މި ފިޔަވަޅާ ގުޅިގެން އިއްޔެއިން ފެށިގެން އެ ޤައުމުގަައި ސޯޝަލް މީޑިއާގެ ހިދުމަތްތައް ލިބެނީ މެދުކެނޑެމުންނެވެ.
ޠާލިބާން ސަރުކާރުން ވަނީ، ފާހިޝް އަމަލުތައް ހުއްޓުވަން ކަމުގައި ބުނެ މިދިޔަ ސެޕްޓެމްބަރު މަހުގެ 30ވަނަ ދުވަހު އެ ޤަައުމުން އިންޓަނެޓުގެ ހިދުމަތް ކަނޑާލާފައެވެ. އެކަމުގެ ސަބަބުން ޤައުމުގައި ހަމަނުޖެހުން އިތުރުވެ، ކަންބޮޑުވުން އިތުރުވިއެވެ.
އެ ހަމަނުޖެހުންތަކާ ގުޅިގެން އަފްޣާނިސްތާނު ސަރުކާރުން ވަނީ އަލުން އެ ޤައުމަށް އިންޓަނެޓުގެ ހިދުމަތްތައް ދޭން ފަށާފައެވެ. ނަމަވެސް މިހާރު ވަނީ ސޯޝަލް މީޑިއާ ބޭނުން ކުރުން ލިމިޓު ކޮށްފައެވެ.


