ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިމަހު އޭޓީއެމް ބަހައްޓާ ނިމޭނެ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފިއެވެ.
އދ. މަންދޫގައި އޭޓީއެމް ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ހެޑް އޮފް ބްރޭންޑް އެންޑް މާކެޓިން ސްޓްރެޓްޖީ މުހައްމަދު ސައީދު ވިދާޅުވީ، މި އަހަރުގެ އަށް މަސް ދުވަސް ތެރޭ 95 ރަށުގައި އޭޓީއެމް ބަހައްޓާ ނިމިފައިވާ ކަމަށާއި އޭޓީއެމް ނުބެހެއްޓި ހުރީ 10 ރަށުގައި ކަމަށެވެ.
އެ ރަށްތަކުގައި ކުރިއަށް އޮތް 20 ދުވަސް ތެރޭގައި އޭޓީއެމް ބަހައްޓާ ނިންމާލެވޭނެ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
މިހާތަނަށް ބީއެމްއެލްއިން ވަނީ ރާއްޖޭގެ 17 އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓާ ނިންމާފައެވެ. މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބަހައްޓައި ނުނިމޭ އަތޮޅުތަކަކީ ޅ. އަތޮޅާއި ލ. އަތޮޅުގެ އިތުރުން އައްޑޫ ސިޓީއެވެ.
ރާއްޖޭގައި އޭޓީއެމް ބަހައްޓަން ފަށާފައިވަނީ 2000 ވަނަ އަހަރެވެ. އޭގެފަހުން ފާއިތުވި 24 އަހަރު ތެރޭ މާލެ ފިޔަވައި 81 ރަށުގައި އޭޓީއެމް ވަނީ ބަހައްޓާފައެވެ. އެގޮތުން އިއްޔެ ބަހައްޓާފައިވަނީ ބޭންކުގެ 250 ވަނަ އޭޓީއެމެވެ.




