އެކްސިޑެންޓުވުމުން ވެސް އެކަން ރިޕޯޓު ނުކޮށް ”ފިލި“ ކަމަށް ތުހުމަތުވާ ފުލުސް އޮފިސަރު ސަސްޕެންޑު ކޮށްފިއެވެ.
މި އެކްސިޑެންޓު ހިނގާފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 12ވަނަ ދުވަހުގެ ރޭ ދަންވަރު 1:00 ހާއިރު، ހުޅުމާލޭ ފިތުރޯނު މަގުގައި އެ ފުލުސް މީހާ ދުއްވި ކާރު އެމަގުން ދުއްވާފައި އައި ސައިކަލެއްގައި ޖެހި އެކްސިޑެންޓުވެގެންނެވެ.
މި ހާދިސާ ހިނގުމުން އަނިޔާވި މީހާ ކާރަށް ލައިގެން ހޮސްޕިޓަލަށް ގެންގޮސްދިން ކަމަށް އެ ފުލުސްމީހާ ބުނެފައިވެއެވެ.
ނަމަވެސް އެ މީހާ އެކްސިޑެންޓުގެ މައްސަލަ ފުލުހުންނަށް ރިޕޯޓުނުކުރުމުން މަޑުނުކޮށްދިޔަކަމުގެ ތުހުމަތުގައި ވަނީ ހައްޔަރުކޮށްފައެވެ. އަދި ކޯޓުގައި އިންވެސްޓިގޭޝަން އޮފިސަރު ވަނީ ފުލުހުންނަށް ރިޕޯޓުނުކޮށް، ފިލީ ކަމަށް ބުނެފައެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ޝަރުތުތަކަކާއެކު ދޫކޮށްލާފައެވެ.
މިކަމާ ގުޅޭގޮތުން ”ސައުވީސް“ އަށް މައުލޫމާތު ދެމުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ، މި އެކްސިޑެންޓާ ގުޅިގެން ތުހުމަތު އުފުލިފައިވާ ފުލުސް އޮފިސަރު މިހާރު ސަސްޕެންޑު ކޮށްފައިވާ ކަމަށެވެ.



