މިއަހަރުގެ ނޯބެލް ސުލްހައިގެ އިނާމުގެ އިންތިޒާރުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުންނެވި ނަމަވެސް އެ އެވޯޑު ވެނެޒުއޭލާގެ އިދިކޮޅު ލީޑަރު އަދި ޑިމޮކްރަސީ އެކްޓިވިސްޓް މާރިއާ ކޮރީނާ މެޝާޑޯއަށް ދިނުމުން، ވައިޓްހައުސްއިން ނުރުހުން ފާޅުކޮށްފިއެވެ.
ސުލްހައިގެ އެވޯޑު ލިބިވަަޑައިގަންނަވާނެ ކަމުގެ އުންމީދުގައި އެމެރިކާގެ ރައީސް ވަނީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދިޔަ ހަނގުރާމަތައް ހުއްޓާލުމަށް އޭނާ ގިނަގުނަ މަސައްކަތްތަކެއް ކުރެއްވިކަން، އ.ދ އިން މިދިޔަ މަހު ބޭއްވި ޖެނެރަލް އެސެމްބްލީގައި ވެސް ފާހަގަކުރައްވާފައެވެ.
ނަމަވެސް ފަހުވަގުތު އެ އެވޯޑު ވެނެޒުއޭލާގެ އެކްޓިވިސްޓް މާރިއާއަށް ދިނުމުން ނޯބެލް ކޮމިޓީން ވަނީ ސުލްހައަށްވުރެ ބޮޑަށް ޕޮލިޓިކްސް އިސްކޮށްފައި ކަމަށް ވައިޓްހައުސްގެ ކޮމިއުނިކޭޝަންސް ޑައިރެކްޓަރ ސްޓީވެން ޝީއަންގް އިއްޔެ ވަނީ ވިދާޅުވެފައެވެ.
”ނޯބެލް ސުލްހައިގެ އެވޯޑް ނުލިބުނު ކަމުގައިވިޔަސް، ފުރާނަތައް ސަލާމަތް ކުރުމަށާއި ހަނގުރާމަތައް ހުއްޓާލައި ދުނިޔެއަށް ސުލްހަވެރިކަން ގެނައުމަށް ރައީސް ޓްރަމްޕް އަބަދުވެސް މަސައްކަތް ކުރައްވާނެ. އަދި އިންސާނީ ހައްގުތަކަށް ވެސް މަސައްކަތް ކުރައްވާނެ“ ސްޓީވެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވިއެވެ.
ނޯބެލް ސުލްހައިގެ އެވޯޑް މާރިއާ ކޮރީނާ މެޝާޑޯއަށް ދިނުމުގެ ދެ ދުވަސްކުރިން އެމެރިކާގެ ރައީސް ޓްރަމްޕް ވަނީ ދެ އަހަރު ދުވަސް ވަންދެން ޣައްޒާއަށް އިޒްރޭލުން ދެމުންގެންދިޔަ ހަމަލާތަކަށް ނިމުމެއްގެނައުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާފައެވެ.
މީގެއިތުރުންވެސް ޓްރަމްޕް ވަނީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހިނގަމުންދިޔަ ހަމަނުޖެހުންތައް ހުއްޓުވާފައި ކަމަށް ވެސް އޭނާގެ އޮފީހުން ވަނީ ފާހަގަކޮށްފައެވެ.


