ވޮކޭޝަނަލް ހައި ސްކޫލަށް ވަނުމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތު އެޑިއުކޭޝަން މިނިސްޓްރީން އިތުރުކޮށްފިއެވެ.
ރާއްޖޭގައި ފުރަތަމަ ވޮކޭޝަނަލް ހައި ސްކޫލް ހުޅުވުމަށް ހަމަޖެހިފައިވަނީ މޯލްޑިވްސް ޕޮލިޓެކްނިކާއި އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެންނެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގެން، މިކަމާ ބެހޭގޮތުން އިތުރު މައުލޫމާތު ދެއްވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަޙްމަދު މުޙައްމަދު ވިދާޅުވީ، ތަރައްގީވެފައިވާ ޤައުމުތަކުގައި އިންސާނީ ވަސީލަތް ހަރުދަނާކުރުމަށް މިފަދަ ވޮކޭޝަނަލް ސްކޫލްތައް މުހިންމު ދައުރެއް އަދާކުރާކަމަށެވެ. ހަމައެހެންމެ ޤައުމުގެ ވަޒީފާގެ ބާޒާރަށް ބޭނުންވާ ޒުވާނުން ބިނާކުރުމަށް ވޮކޭޝަނަލް ދާއިރާ މުހިނަމުކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ޑރ.އަޙްމަދު ވިދާޅުވީ، ވޮކޭޝަނަލް ސްކޫލް ހުޅުވުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންއަންނަ ކަމަށެވެ. އެގޮތުން ސްކޫލަށް ވަނުމަށް މިހާރު ހުޅުވާލާފައިވާއިރު ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ދަރިވަރުންތަކެއް މިހައި ސްކޫލަށް ވަނުމަށް ކުރިމަތިލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން މިހާތަނަށް ސްކޫލްގެ 65 އިންސައްތަ ޖާގަ ފުރިފައިވާއިރު ބާކީ ހުރި ޖާގަތަކަށް ކުރިމަތިލުމަށް އިތުރު ފުރުސަތެއް ދިނުމުގެ ގޮތުން މިމަހުގެ 15 ވަނަ ދުވަހާއި ހަމައަށް މިހާރު އެޕްލިކޭޝަން ހުށައެޅުމުގެ މުހުލަތުވަނީ އިތުރުކޮށްފައިކަމަށް ޑރ.އަޙްމަދު ވިދާޅުވިއެވެ.
”އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އޯލެވެލްގައި ރަނގަޅު ނަތީޖާ ހޯދައިގެން ވަރަށް ފަސޭހަކަމާއެކު ސީއެޗްއެސްއީއަށް ވަދެވޭނެ ނަތީޖާ ލިބިފައި ތިބި ދަރިވަރުންވެސް ވޯކޭޝަނަލް ހައި ސްކޫލަށް ވަންނަން އެދިފައިވޭ. އޭގެއިން ހާމަވަނީ މިއީ ހަމައެކަނި ދަށް ނަތީޖާ ލިބިގެން އިތުރު ގޮތެއް ނެތް ކުދިން ވަންނަން އޮތް ދާއިރާއެއް ނޫންކަން ދަރިވަރުންނާއި ބެލެނިވެރިންވެސް މިހާރު ޤަބޫލުކުރާކަން“ ޑރ. އަޙްމަދު ވިދާޅުވިއެވެ.




