ސްކޫލު ދަރިވަރުން ކޭމްޕު ކުރުމަށް ހާއްސަ ސަރަހައްދެއް ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ހުޅުވައިފިއެވެ.
ކެޑޭޓާއި ސްކައުޓް އަދި ގާލް ގައިޑް ދަރިވަރުން (ޔުނީފޯމް ބޮޑީސް ދަރިވަރުން) ކޭމްޕު ކުރުމަށް ހާއްސަ ސަރަހައްދު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ. އަރިހުގައި އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދަރިވަރުން ކޭމްޕު ދާނެ ހާއްސަ ތަނެއް މާލެ ސަރަހައްދުގައި ނެތްތާ މިހާރު 15 އަހަރު ވެއްޖެ ކަމަށެވެ.
ކޭމްޕު ކުރުމާއި ފީލްޑް ޓްރިޕުތަކުގައި ބޭނުން ކުރުމަށް ހާއްސަ ރަސްމީ ތަނެއް ކުދިންނަށް ލިބިފައި އޮތުމަކީ ބެލެނިވެރިންނަށާއި ޔުނިފޯމު ބޮޑީސްތައް ކުރިއަށް ގެންދާ މުދައްރިސުންނަށް ވެސް އޮތް ހިތްހަމަޖެހުމެއް ކަމަށް މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.

”މި ސައިޓަކީ ތައުލީމީ އެކި ހަރަކާތްތައް ވެސް ހިންގާނެ ގްރައުންޑެއްގެ ގޮތުގައި ބޭނުންކުރާނެ ސައިޓެއް. އެގޮތުން ފިޝަރީޒް ސައިންސް ދަތުރުތަކަށް ބޭނުންކުރާނެ. ތިމާވެއްޓާ ގުޅޭ ދިރާސާތަކަށް ބޭނުންކުރާނެ. އަދި ބެލެނިވެރިން ދަރިވަރުންނާ އެކު، މާހައުލުން އުނގަންނައިދިނުމަށް ބޭނުންވާ އެކި ހަރަކާތްތަކަށް ހަފްތާ ބަންދުގައި ވެސް އެ ތަން ބޭނުންކުރާނެ“ އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވިއެވެ.
މީގެ ކުރިން ސްކޫލު ކުދިން ކޭމްޕު ދާން ބޭނުންކުރި ކުޑަ ބަނޑޮހާއި ފޭދޫ ފިނޮޅުގައި މިހާރު އޮންނަނީ ރިސޯޓު ތަރައްގީކޮށްފައެވެ.




