އެކައުންޓެންޓުންނާއި ފިނޭންސް ދާއިރާގެ އިސްބޭފުޅުންނާއި ތަޖުރިބާކާރުން ހިމެނޭ ގޮތަށް 300 އަށްވުރެ ގިނަ ބައިވެރިންނާއެކު މޯލްޑިވްސް އެކައުންޓެންޓްސްް ފޯރަމް 2025″ މިއަދު ފަށައިފިއެވެ.
މި ފޯރަމަކީ އިންސްޓިޓިއުޓް އޮފް ޗާޑާޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ) އިން އިންތިޒާމުު ކޮށްގެން ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ފޯރަމެކެވެ.
ޤައުމީ ޔުނިވަރސިޓީގެ އޯޑިޓޯރިއަމްގައި ކުރިއަށްގެންދާ މި ފޯރަމް ފަށަން މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތުގައި ސީއޭގެ ރައީސް މުހައްމަދު ހަލީމް އަބްދުﷲ ވިދާޅުވީ އެއީ މާލީ އާއި ހިންގުމުގެ ދާއިރާ އަދި ޒިންމާދާރު ކުރުވުމުގެ ދާއިރާ އެއްތަންވެ، ކޮލެބްރޭޝަނާއި ޑައިލޮގްގެ ތެރެއިން ގައުމުގެ ލާބައަށް މަސައްކަތްކުރާ ގައުމީ ޕްލެޓްފޯމެއް ކަމަށެވެ.
އެގޮތުން އެ ފޯރަމްގެ ހުރިިހާ ބައިވެރިން ގުޅިގެން މަސައްކަތް ކުރާނީ ރާއްޖޭގެ މާލީ ދާއިރާ ހަރުދަނާ ކުރަން ކަމަށް ވެސް ހަލީމް ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޝަރަފުވެރިކޮށްދެއްވާ މިއަދު ފެށި މި ފޯރަމްގައި 30 އަށް ވުރެ ގިނަ މާހިރުން ތަގުރީރު ކުރެއްވުމާއި މައުލޫމާތު ދެއްވުން އޮންނާނެއެވެ.
އޮޑިޓާ ޖެނެރަލް ހުސައިން ނިޔާޒީ އާއި ޓެކްސް ކޮމިޝަނަރު ހަސަން ޒަރީރާއި އެކައުންޓެންޓްސް ޖެނެރަލް މުހައްމަދު އާޒާދާއި ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު ހުސައިން މަނިކާއި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.



