އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމަށް އަންނަ އަހަރު ބޮޑު ކެމްޕެއިނެއް ފަށްޓަވާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އިސްމާޢީލް ޝަފީއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަފީއު މިހެން ވިދާޅުވީ ޕްރިންސިޕަލުންގެ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ މުދައްރިސުންގެ ދުޅަހެޔޮކަމާއި މުދައްރިސުންގެ ތައުލީމީ ފެންވަރު މަތިކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ. އަދި މުދައްރިސުންނަށް ތަފާތު އެކި ތަމްރީނުތައް ދިނުމާއި މަސައްކަތްތައް ލުއިފަސޭހަކުރުމަށްވެސް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
”މިއަންނަ އަހަރުގައި އޭއައި ދާއިރާއިން މުދައްރިސުން ތަމްރީނުކުރުމައްޓަކައި ބޮޑު ކެމްޕޭނެއް ކުރިއަށް ގެންދާނަން. ރޯދަމަހުގައި ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އެކަށީގެންވާ މުއްދަތު ހިމަނާފައިވާނީ. އަޅުގަނޑުމެން ގަސްތުކުރަނީ އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެކި މާއްދާތައް ކިޔެވުމަށް ބޭނުންވާ އުކުޅުތަކާއި ފަންނީ ޤާބިލުކަން މަތިކުރުމަށްޓަކައި ދޭންޖެހޭ ޓްރޭނިންތައް މިމުއްދަތުތެރޭގައި ދެވޭނެކަމަށް“ މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން އެޑިއުކޭޝަން މިނިސްޓަރ ވިދާޅުވީ އުނގެނުމުގެ މަތީގައި ދެމިތިބޭ ޤައުމަކަށް ވެވޭނީ ވިސްނާ ފިކުރުކުރާ ޒުވާނުންތަކެއް ބިނާކުރެވިގެން ކަމަށެވެ. އެހެންނޫނީ މަދަރުސާ ނިންމާފައި ނުކުންނަށް ޒުވާނުން މާ އުފެންދުންތެރި އޮއްޓަރު ހުރި ކަމެއްގައި ނޫޅެވި އުޅެންޖެހިދާނެކަމަށް ވެސް ވިދާޅުވިއެވެ.



