އެކައުންޓިންގ ދާއިރާ ހަރުދަނާކުރުމަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށާއި، މިދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އަބަދުވެސް ތައްޔާރަށް ތިބޭނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު ފެށި ”މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް 2025“ ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ، ރާއްޖޭގެ މާލީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް އަންނަމުންދާއިރު، އެއް ކަމެއް ބަދަލުނުވެ ދެމިއޮތް ކަމަށެވެ. އަދި އެއީ އިތުބާރުގެ މުހިންމުކަން ކަމަށެވެ.
”އިތުބާރަކީ އަޅުގަނޑުމެންގެ މާލީ ނިޒާމު ގުޅުވައިދޭ އެއްޗެއް. އަދި އެ ފެށެނީ އެކައުންޓަންޓުންގެ މަސައްކަތުން. އިތުބާރުހުރި މާލީ މަޢުލޫމާތުގެ ސަބަބުން ބޭންކުތަކަށް ޒިންމާދާރުކަމާއެކު ލޯނު ދޫކުރެވޭ. އިންވެސްޓަރުންނަށް ރަނގަޅު ނިންމުންތައް ނިންމޭނެ. އަދި ސިޔާސަތު އެކުލަވާލާ ފަރާތްތަކަށް އިތުބާރާއެކު ޕްލޭންކުރެވޭނެ“ ފިނޭންސް މިނިސްޓަރ ވިދާޅުވިއެވެ.
އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވާ މިނިސްޓަރ ޒަމީރު ވިދާޅުވީ، ސީއޭ މޯލްޑިވްސްއަކީ ހަމައެކަނި ރެގިއުލޭޓަރެއް ނޫން ކަމަށާއި، އެއީ ރާއްޖޭގެ މާލީ ދާއިރާގެ އިތުބާރާއި ތެދުވެރިކަން ރައްކާތެރިކޮށްދޭ ފަރާތެއް ކަމަށެވެ. އަދި އޮޑިޓްގެ ފެންވަރާއި، އަޚްލާޤީ މިންގަނޑުތައް މަތިކުރުމަށް އެއިންސްޓިޓިއުޓުން ކުރަމުންދާ މަސައްކަތާއެކު، ރާއްޖޭގެ މާލީ ނިޒާމު ބިނާވެފައިވާ އަސާސް ވަރުގަދަކުރާކަން ވެސް ފާހަގަކުރެއްވިއެވެ.



