އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް މި މަހު 25 ވަނަ ދުވަހު ނަގާ ވޯޓުގައި ވޯޓު ލެވޭ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހަޅަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.
މިއީ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތަށް ބަދަލު ގެނައުމަށް ބޭނުންވާ ކަމަށް އައްޑޫގެ ބައެއް ރައްޔިތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ނަގާ ވޯޓެކެވެ.
އީސީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އައްޑޫސިޓީ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ހިޔާލު ހޯދުމަށް ނަގާ އާންމު ވޯޓުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު މާދަމާ މެންދުރު 12:00 ހަމައަށް އޮންނާނެ ކަމަށެވެ.
އެގޮތުން އެ އިންތިހާބަށް ވޯޓު ލެވޭ މީހުންގެ ރަޖިސްޓްރީ އާންމު ކުރީ މިއަދެވެ.
ވޯޓު ލެވޭ މީހުންގެ ލިސްޓަަށް ޝަކުވާ ހުށަހަޅާނީ އެކަމަށް ޚާއްސަ ފޯމެއް މެދުވެރިކޮށެވެ. އޮންލައިންކޮށް ވެސް އެ ފޯމު ހުށަހެޅެއެވެ.



