ޣައްޒާއަށް ދާއިމީ ސުލްހައެއް ގެނައުމާ ގުޅޭ ގޮތުން މިސްރުގައި މާދަމާ ފަށާ ސަމިޓަށް ވަޑައިގަތް ގަތަރުގެ ވަފުދުގެ ތިން ބޭފުޅަކު އެކްސިޑެންޓެއްގައި އަވަހާރަވެއްޖެއެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި ގަތަރުގެ ވަފުދު ގޮވައިގެން ދިޔަ ކާރު ދެކުނު ސައިނާއީގައި އެކްސިޑެންޓުވުމުގެ ސަބަބުން އިތުރު ދެ ޑިޕްލޮމެޓަކު ވަނީ ޒަހަމްވެސް ވެފައެވެ.
މިސްރުގެ ޝާމުލް-ޝެއިޚްގައި ހުންނަ ރެޑް ސީ ރިސޯޓާ 50 ކިލޯމީޓަރު ދުރުން ދުއްވާފައި ދަނިކޮށް، އެ ޑިޕްލޮމެޓުން ތިބި ކާރު އެކޮޅުކޮޅުން ޖެހިފައިވާތަން ފެނިފައިވާކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެކްސިޑެންޓު ހިނގި ގޮތުގެ ތަފްސީލެއް އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މިސްރުގެ ރައީސް އަބްދުއްފައްތާހް އަލް ސީސީ އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބައިވެރިވެވަޑައިގަންނަވާ ބައިނަލްއަގުވާމީ ސަމިޓުގައި ވިއްސަކަށް ގައުމުގެ ބައިވެރިވުމާ އެކު މި ފަށަނީ ޣައްޒާގައި ދެ އަހަރު ވަންދެން އިޒްރޭލުން ދިން ހަމަލާތައް މެދުކަނޑާލައި އިޒްރޭލުގެ އަސީރުންނާއި ފަލަސްތީނުގެ ގައިދީން މިނިވަންކުރަން ތައްޔާރުވަމުންދާ ވަގުތު ގައެވެ. ހަމާސް ޖަމާއަތުން ވަނީ ސަމިޓުގެ ކުރިން ހުރިހާ އަސީރުން މިނިވަންކުރާނެ ކަމަށް ބުނެފައެވެ.



