އިސްލާމިކް މިނިސްޓްރީއަކީ ހަމައެކަނި ޚުތުބާ ލިޔާތަނެއްގެ ގޮތުގައި އޮތް އޮތުން ބަދަލުވެގެން ގޮސްފި ކަމަށާއި، އެ މިނިސްޓްރީން މިހާރު މަސައްކަތް ކުރަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފުރިހަމަ އިރުޝާދާއެކު ރާއްޖެ ސަލާމަތް ކުރުމަށް ކަމަަށް އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ޝަހީމް މިހެން ވިދާޅުވީ ކީރިތި ގުރުއާން ކިޔެވުމުގެ 37 ވަނަ ގައުމީ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަމުންނެވެ.
އެގޮތުން މިނިސްޓަރ ވިދާޅުވީ މި މުބާރާތަށް 37 އަހަރު ވެެގެންދާއިރު، މިއަދު ފެށިގެން ދަނީ އުފާވެރި ތާރީހީ ސޮފްހާއެއް ކަމަށެވެ. މިގޮތުން މުބާރާތުގެ ތާރީހަށް ބަލާއިރު، މި މުބާރާތް އަދި ވަކިން ހާއްސަކޮށް ގުރުއާނާއި ގުޅުން ހުރި ކަންތައްތަކާއި ދީނީ ހިދުމަތުގައި ރާއްޖެ ދެކެމުން ދަނީ ހެޔޮ ދުވަސްތަކެއް ކަމުގައި މިނިސްޓަރ ޝަހީމް ވިދާޅުވިއެވެ.
”މި ދުވަސްތައް އަޅުގަނޑުމެންނާއި ބައްދަލުކުރުމުގެ ﷲ މެދުވެރިކުރައްވާފައިވާ ސަބަބުތަކެއްވޭ، އޭގެ ތެރެއިން އެންމެ މުހިންމުކަމަކީ ރައީސް ޑރ. މުއިއްޒު، ވަކިން ހާއްސަކޮށް ދާއިރާއަށް، އަދި ރާއްޖޭގެ އިސްލާމީ ކަންތައްތައްތަކަށް ދެއްވަމުން ގެންދަވާ އަހަންމިއްޔަތުކަމާއި ބަހައްޓަވާ ގާތްކަން، އެހެންކަމުން މި ފުރުސަތުގައި ރައީސް މުއިއްޒަށް ހިތުގެ އެންމެ ފުންމިނުން އަދި އިސްލާމީ ކަންތައްތައްކާއި ބެހޭ ވުޒާރާގެ ނަމުގައި ހާއްސަ ޝުކުރެއް ދަންނަވަން“ އިސްލާމިކް މިނިސްޓަރ ވިދާޅުވިއެވެ.
މީގެއިތުރުން މިނިސްޓަރ ޝަހީމް ވިދާޅުވީ، މިބާވަތުގެ ކަންކަން ގައުމެއްގެ ތެރޭގައި ކުރިއަށް ގެންދެވޭނީ އެ ގައުމެއްގެ ގާއިމްވެފައި އޮންނަ ސަރުކާރަކުން އެކަމަކަށް ކޮށްދޭ މަތިވެރިކަމާއި މުހިންމުކަަމަށްޓަކައި ކަަމަށެވެ. އެހެންނޫންނަމަ ހުރިހާ ޒަމާނެއްގައިވެސް މިކަންކަން ހިނގާނެ ކަމަށް ވެސް ވިދާޅުވިއެވެ.



