އައްޑޫ ސިޓީ ހުޅުދޫ ޑަކް ޕާކުގައި ހުރި މަހާއި ދޫނިތައް މަރުވަމުންދާ މައްސަލަ ކަމާ ގުޅުންހުރި ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން މިއަދު ބުނެފިއެވެ.
ޑަކް ޕާކުގައި އުޅޭ ދޫނިތަކާއި މަސްތަކަށް ވިހައެއް ދީގެން އެ ތަކެތި މަރާލި ކަމަށް ބެލެވޭ މައްސަލައެއް ދާދިފަހުން ވަނީ ފެންމަތިވެފައެވެ.
އެގޮތުން ހުޅުދޫ ރައްޔިތުންނާއި އައްޑޫ ސިޓީ ކައުންސިލް ގުޅިގެން މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ހެދި މި ޕާކުގައި ގެންގުޅޭ އަސްދޫންޏާއި އެކި ބާވަތުގެ އެހެން ދޫނިތަކާއި މަސްތައް މަރުވެފައިވާކަމުގެ ކަންބޮޑުވުން ސޯޝަލް މީޑިއާގައި ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
މި މައްސަލައާ ގުޅޭ ގޮތުން ހުޅުދޫ ކައުންސިލަރު ހުސެއިން ފައިޒް ރަހްމާން ވިދާޅުވީ، ދޫނިތަކާއި މަސްތައް މަރުވާން ފެށިތާ މިހާރު ހަތަރުވަރަކަށް ދުވަސް ވެއްޖެ ކަމަށެވެ. އަދި ދޫނިތަކާއި މަސްތައް މަރުވާން މެދުވެރިވި ސީދާ ސަބަބު އަދި ނޭނގުނަސް މިހާރު ބޮޑަށް ބެލެވެނީ ބަޔަކު ޕާކުގެ ފެންގަނޑަށް ވިހައެއް އަޅައިގެން އެ އެއްޗެހި މަރާލީ ކަމަށެވެ.

”ބޮޑަށް ހީވަނީ ބަޔަކު ކޮންމެވެސް އެއްޗެއް އަޅައިގެން ކަމަށް. އެހެން މި ބުނަނީ ހަމައެކަނި އަސްދޫނިތަކެއް ނޫން މަރުވީކީ. އެ ތަނަށް ނެޗުރަލީ އައިސް އުޅޭ ރާބޮނދި ކަހަލަ ބައެއް އެއްޗެހި ވެސް މަރުވެފައި އޮއްވާ އެބަ ފެނޭ“ އޭނާ ވިދާޅުވިއެވެ.

މި ޕާކަކީ ކޮންމެ ދުވަހަކު އެތައް ބަޔަކު ހިތްހަމަޖައްސާލަން ޒިޔާރަތްކުރާ ތަނެއްކަން ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
މި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާއިރު، މިކަން ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމުގައި ފުލުހުން މިއަދު ބުނެފައިވެއެވެ.



