އިންޑިއާގައި ކުޑަކުދިންތަކެއް މަރުވާން ދިމާވި ބޭސްތަކަކީ ރާއްޖެ އެތެރެކޮށް ވިއްކާ ބޭސްތަކެއް ނޫން ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)ން މިއަދު ނެރުނު ބަޔާނެއްގައި ބުނެފިއެވެ.
އެމްއެފްޑީއޭ އިން ބުނީ، އިންޑިއާގެ ތިން ކުންފުންޏަކުން އުފައްދާފައިވާ ކެއްސުމަށް ބޭނުން ކުރާ ތިން ބޭހެއްގައި ވިހަ މާއްދާއެއް އެކުލެވޭތީ އެ ބޭސް ބޭނުން ކުރުމާއި ވިއްކުން މަނާކޮށް ސައުތު އީސްޓް އޭޝިއަން ރީޖަން ނެޓްވޯކުން އެލާޓުކޮށްފައިވާ ކަމަށެވެ.
ޑީއީޖީ ހުރެގެން ވިއްކުމާއި ބޭނުންކުރުން މަނާކުރި ބޭސް އުފައްދާ ތިން ކުންފުންޏަކީ ވެސް އެމްއެފްޑީއޭން ބޭސް އެރެތެކުރުމުގެ ހުއްދަ ދީފައިވާ ކުންފުނިތައް ނޫން ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.
އެމްއެފްޑީއޭ އިން ބުނީ، އެ ކުންފުނިތަކުން އުފައްދާ ބޭސް ރާއްޖެއަށް އެތެރެކުރަން ކަނޑައަޅާފައިވާ އެއްވެސް އުސޫލެއްގެ ދަށުން ރާއްޖެ އެތެރެކޮށްފައި ނުވާކަން ކަށަވަރުވެފައިވާ ކަމަށެވެ.
ނަމަވެސް އިންޑިއާއަކީ ގިނަ އަދަދެއްގެ ދިވެހިން ބޭސްފަރުވާއަށް ގޮސް އުޅޭ ގައުމަކަށް ވެފައި، ބައެއް ފަހަރު އަމިއްލައަށް ވެސް އެ ގައުމުން ބޭސް ގެންނާތީ ސަމާލުވުމަށް އެމްއެފްޑީއޭން އިލްތިމާސްކުރިއެވެ.
އެގޮތުން އެ އޮތޯރިޓީން ބުނީ
ރާއްޖެ އެތެރެކުރާ ބޭހުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އަބަދުވެސް މަސައްކަތް ކުރާ ކަމަށާއި ހާއްސަކޮށް ކުޑަކުދިންނަށް ދޭ ބޭސްތަކުގައި މިހާރު ފާހަގަކުރެވޭ މައްސަލަތައް ހައްލުކުރަން މަސައްކަތް ކުރާ ކަމަށެވެ. އަދި ކެއްސުމާއި ރޯގާއަށް ދޭ ކުޑަކުދިންގެ ބޭސް އެތެރެކުރާއިރު ޑީއީޖީ އަދި އީޖީ ނުހިމެނޭކަން ކަށަވަރުވާ ލެބޯޓްރީ ތަހުލީލު ރިޕޯޓުން ބޭހުގައި ކެމިކަލް ނެތްކަން ކަށަވަރު ކުރާ ކަމަށް ވެސް އެމްއެފްޑީއޭ އިން ބުނެފައިވެއެވެ.




