އަލިހުރަސް ކަނޑަށް އަޑިއަށް ގޮސްފައިވާ ދޯންޏެއްގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށް އެމްއެންޑީއެފް އިން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އއ.ރަސްދޫއަށް ދަތުރުކުރަމުން ދިޔަ ”ސްކޫބާ“ ނަމަކަށް ކިޔާ ޑައިވިންގ ދޯންޏެއް އަލިހުރަސް ކަނޑަށް އަޑިއަށް ގޮސް، އެ ދޯނީގެ ބައެއް ބައިތަކާއި ތަކެތި އޮޔާދާކަމުގެ މަޢުލޫމާތު ލިބިފައިވާތީ، ކަނޑު ދަތުރުކުރާ ފަރާތްތަކުން އެކަމަށް ސަމާލުވުމަށެވެ.
މި ޑައިވިންގ ދޯނި އަޑިއަށް ގޮސްފައި ވަނީ އަލިހުރަސް ކަނޑުން 12 ނޯޓިކަލް މޭލު އިރުމައްޗަށް ކަމަށާއި އަދި ދޯނީގެ ބައެއް ބައިތަކާއި ތަކެތި އަލިހުރަސް ކަނޑުތެރެއަށް، ރަސްދޫގެ އިރުމައްޗަށް ވާ ގޮތަށް އޮޔާދާ ކަމަށެވެ.
އެހެންކަމުން، އަލިހުރަސް ކަނޑާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އަދި ރޭގަނޑު މި ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން، ދަތުރުކުރެއްވުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެމްއެންޑީއެފް އިން އިލްތިމާސްކުރެއެވެ.



