އިޖްތިމާޢީ އަދުލުވެރިކަން ކަށަވަރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްފުޅަށް ރައްޔިތުން ތާއީދުކުރާ ކަމަށް މޯލްޑިވްސް ގޭސްގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު އަބްދުލް ކަރީމް (ރުކުމާ) ވިދާޅުވެއްޖެއެވެ.
ރުކުމާ މިހެން ވިދާޅުވެފައިވަނީ، ސޯޝަލް ހައުސިންގްގެ ތެރެއިން ދޫކޮށްފައިވާ ފްލެޓުތައް ކުއްޔަށް ދިނުމާ ގުޅޭގޮތުން ހައުސިންގް މިނިސްޓަރ ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވި ބަސްކޮޅެއްގެ ޕޯސްޓެއް ”އެކްސް“ ގައި ހިއްސާ ކުރައްވަމުންނެވެ.
އެގޮތުން މިނިސްޓަރ މުއްތަލިބް ވިދާޅުވެފައިވަނީ ސަރުކާރުގެ އިހުތިމާއީ ބޯހިޔާވަހިކަމުގެ ތެރެއިން ދޫކޮށްފައިވާ ތަންތަނަކީ ރައްޔިތުންގެ ފައިސާއިން ބޮޑު ހޭދައެއްކޮށް، ސަބްސިޑައިޒް ކުރެވިފައިވާ އަގުތަކެއްގައި ދޫކޮށްފައިވާ ތަންތަން ކަމުގައިވާތީ، އެތަންތަން ބޮޑެތި އަގުތަކުގައި ކުއްޔަށްދީ އެތަންތަން ދެވުނު ފަރާތް ފިޔަވައި އެހެން ފަރާތްތަކަށް ދިރިއުޅުމަށްވެސް ނުވަތަ އެހެން ބޭނުމަކަށް ވެސް ދިނުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށެވެ.
މިނިސްޓަރުގެ އެ ވާހަކަފުޅަށް ތާއީދުކުރައްވާ ރުކުމާ ވިދާޅުވީ، މުޖުތަމަޢުގެ އިންސާފާއި ހަމަހަމަކަން ގާއިމުކުރެވޭނީ އިޖްތިމާޢީ އަދުލުވެރިކަން ކަށަވަރު ކުރެވިގެން ކަމަށެވެ.
”އިރެއްގައި ބޮޑުވަރިހަމައަށް ދޫކޮށްލާފައިވާ މިފަދަ ތާރީޚީ ގޯސްތަށް ނިޒާމީ ގޮތުން ހަމަ މަގަށް އެޅުވުމަށް ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ކުރާ އިޚުލާސްތެރި މަސައްކަތަށް %99 ރައްޔިތުން ތާއީދުކުރޭ“ ރުކުމާ ވިދާޅުވިއެވެ.



