ކެބިނެޓުން ބޭނުންވާ މަޝްރޫއުތައް ބިޑަކާ ނުލައި މަޝްރޫއުތައް ހަވާލުކުރެވޭ ގޮތަށް މާލިއްޔަތު ގަވައިދަށް އިސްލާހެއް ގެނެސްފިއެވެ.
އެގޮތުން މާލިއްޔަތު ގަވައިދަށް އިއްޔެ ގެނައި އިސްލާހުގައިވާ ގޮތުން ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީ އަކުން ކަނޑައަޅާ މަޝްރޫއުތައް ބިޑަކާ ނުލައި ނުވަތަ ސިންގަލް ސޯސް ޕްރޮކިޔުމެންޓުގެ އުސޫލުން ކުރިއަށް ގެންދެވިދާނެ ކަމަށް ބުނެއެވެ.
މި ސަރުކާރުން މީގެ ކުރިން ވަނީ ބިޑަކާ ނުލައި މުދަލާއި ހިދުމަތް ހޯދޭ ގޮތަށް އަދި ބިޑަކާ ނުލައި އަމިއްލަ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް މާލިއްޔަތު ގަވައިދު އިސްލާހު ކޮށްފައެވެ.
އިއްޔެ މާލިއްޔަތު ގަވައިދަށް ގެނައި އިސްލާހުގައިވާގޮތުން މިގޮތަށް ކުރިއަށް ގެންދެވޭނީ އާންމު ރައްޔިތުންގެ އަސާސީ ބޭނުންތަކާއި ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށްދޭ މަޝްރޫއުތަކާއި ސަލާމަތީ ހިދުމަތްތަކަށް ހާއްސަ މަޝްރޫއުތަކެވެ.
މިފަދަ މަޝްރޫއުތަަށް ހުއްދަ ދޭނީ ކެބިނެޓުން ނުވަތަ ކެބިނެޓުގެ ކޮމެޓީއަކުން ކަމަށް ގަވައިދަށް ގެނައި އިސްލާހުގައިވެއެވެ.




