އިދިކޮޅު އެމްޑީޕީގެ ޒުވާން އެކްޓިވިސްޓް އާއިޝަތު ޝިމަން އަހުމަދު އާއި އެ ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ފާތިމަތު ޒަހިއްޔާ (ޒާޔާ)ގެ ފޯނު ފުލުހުން ދޫކޮށްލައިފިއެވެ.
ޒަހިއްޔާގެ ފޯނު ފުލުހުން ހިފެހެއްޓީ މި މަހުގެ 7 ވަނަ ދުވަހުއެވެ. ޝިމަންގެ ފޯނު ހިފެހެއްޓީ މި މަހުގެ 9 ވަނަ ދުވަހުއެވެ. އެ ދެމީހުންގެ ފޯނުވެސް އެމީހުންނާ ހަވާލު ކޮށްފައިވަނީ އިއްޔެއެވެ.
ޒަހިއްޔާގެ ފޯނު ހިފެހެއްޓި މައްސަލާގައި ހިމެނޭ ޕޯސްޓްގައި އޭނާ ލިޔެފައިވަނީ ”17 ނޮވެމްބަރަށް ތައްޔާރުވުމަށް ކަނޑޫދޫ މިރުހުން ސްޕްރޭ ތައްޔާރުކުރަން ފަށައިފިން. ހަމަ ޖެހީ، ހަމަ ޖެހީ،“ މިފަދައިންނެވެ.
އަދި ޝިމަންގެ ފޯނު ހިފަހެއްޓީ ”ކަރްކް އެޗް*އެމް“ ލިޔެފައިވާ ޕޯސްޓަކާ ގުޅިގެނެވެ. އެއީ ރައީސުލްޖުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އެމެރިކާގެ ޗާލީ ކަރްކް އަވަހާރަކޮށްލި ގޮތަށް ގޮވާލުން ކަމަށް ތުހުމަތުކުރެވިގެންކަން ކަމަށް ފޯނު ހިފަހައްޓަން ނެރުނު ކޯޓު އަމުރުން އެނގެއެވެ.
ޒަހިއްޔާ އާއި ޝިމަންގެ ފޯނު ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި އޮތް ވަގުތު އެ ފޯނުތަކުން ޒާތީ ފޮޓޯ ލީކުވީ މައްސަލައެއް ވެސް ފެންމަތިވިއެވެ. ނަމަވެސް ފުލުހުން އެފަދަ ކަމެއް ނުކުރާނެ ކަމަށް ބުނެ ވަނީ ބަޔާނެއް ނެރިފައެވެ.




