އެލައިޑް އިންޝުއަރެންސްގެ އިސްލާމިކް ވިންޑޯ، އެލައިޑް ތަކާފުލްއިން ”ފަޔަރ ތަކާފުލް“ މިއަދުން ފެށިގެން އޮންލައިންކޮށް ނެގޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
މި ޕްރޮޑަކްޓަކީ އިސްލާމީ ޝަރީޢާއާ އެއްގޮތްވާ ގޮތަށް އެލައިޑުގެ އޮންލައިން ޕްލެޓްފޯމް ”މައިއެލައިޑް“ މެދުވެރިކޮށް ނެގޭގޮތަށް ތައްޔާރުކުރެވިފައިވާ ޕްލޭނެކެވެ.
ފަޔަރ ތަކާފުލް ނަގަން ބޭނުންވާ ފަރާތްތަކަށް ވަގުތުން އެ ޕްލޭން އޮންލައިންކޮށް ވަރަށް ފަސޭހައިން، އަވަހަށް އަދި އެއްވެސް ލިޔެކިޔުމެއް ހުށަހަޅަން ނުޖެހޭގޮތަށް އެ ހިދުމަތް ހޯދުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް (އެސްއެމްއީ ތަކަށް) ޚާއްސަކޮށްގެން ފަރުމާ ކޮށްފައިވާ ފަޔަރ ތަކާފުލްއިން، އަލިފާނުގެ ހާދިސާއިން ލިބޭ ގެއްލުންތަކުންނާއި ގުދުރަތީ ކާރިސާތަކުން ލިބޭ ގެއްލުންތަކުން މުދަލަށް ލިބޭ ގެއްލުމުގެ އިތުރުން މިނޫންވެސް އިތުރު ސަބަބުތަކާހެދި ލިބިދާނެ މާލީ ގެއްލުންތަކުން ރައްކާތެރިކަން ފޯރުކޮށްދެއެވެ.
މިފަދަ ނުރައްކާތަކުގެ ތެރޭގައި ހަމަނުޖެހުންތަކާއި މުޒާހަރާތަކުން މުދަލަށް ލިބޭ ގެއްލުން، ފެންޓޭންކު ނުވަތަ ފެންހޮޅިއެއް ފަޅައިގެން ދިޔުން ނުވަތަ ވައްކަމުގެ ހާދިސާއިން ލިބޭ ގެއްލުން ވެސް ހިމެނެއެވެ.
ބޭކަރީތަކާއި، ރެސްޓޯރަންޓުތަކާއި، ޖިމްތަކާއި، ސެލޫންތަކާއި، ވޯކްޝޮޕްތަކާއި، ގުދަންތަކާއި ޑައިވިންގް ސެންޓަރުތަކާއި އަދި މިނޫންވެސް ކުދި ވިޔަފާރިތަކަށް މިހާރު މި ރައްކާތެރިކަން އަވަހަށް އަދި ހެޔޮއަގެއްގައި މި ޕްލޭންގެ ދަށުން ރައްކާތެރިކަން ލިބިގަނެވޭނެ ކަމަށް އެލައިޑުން ބުނެފައިވެއެވެ. މީގެއިތުރުން އެ ވިޔަފާރިއަކަަށް ޚާއްސަކޮށް މި ޕްލޭން ކަސްޓަމައިޒްވެސް ކުރެވޭނެ ކަމަށް އެލައިޑުން ބުންޏެވެ.



