ރައްޔިތުންގެ މަޖިލީހުގެ ފިރިހެން މެންބަރުން މަޖިލީހުގެ ޖަލްސާތަަކަށް ހާޒިރުވާ އިރު ޓައީ ނާޅައި ކެޝުއަލްކޮށް ވަޑައިގަތުން މަނާވާގޮތަށް ގަވައިދު ބަދަލުކޮށްފިއެވެ.
އެ ގަވާއިދު ކަނޑައަޅަން މަޖިލިހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވީ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަން މިނިސްޓަރުން ހާޒިރު ނުކުރާތީ އިހުތިޖާޖެއްގެ ގޮތުގައި އެމްޑީޕީގެ ތިން މެންބަރަކު ޓައީ ނާޅައި މަޖިލީހަށް ހާޒިރުވާން ފެށުމުންނެވެ.
މަޖިލީހުގެ ޖަލްސާއަށް ވަޑައިގެންނެވޭނީ ހަތަރު ބާވަތެއްގެ ހެދުން އަޅައިގެން ކަމަށް ކަނޑައަޅަން އިސްލާހު ހުށަހެޅުއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުއެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ވަނީ ފިރިހެން މެންބަރުން މަޖިލީހުގެ ޖަލްސާއަށް ހާޒިރުވާއިރު ޓައީ އަޅަން ޖެހޭ ގޮތަށް އިސްލާހު ހުށަހަޅާފައެވެ.
އެ އިސްލާހު ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގަތް 47 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ގަވައިދަށް މިއަދު އިތުރުކުރި އިސްލާހުގައިވާ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފިޔަވައި އެހެން ޖަލްސާތަކަށް ވަޑައިގަންނަވަން ޖެހޭނީ ތިން ބާވަތެއްގެ ހެދުމުގައެވެ.
އޭގެ ތެރޭގައި، ކޯޓުފަޓުލޫނާއި ޓައީ އާއި ގަމީހާއި ފަޓުލޫނާއި ޓައީ އަދި ގައުމީ ހެދުން ހިމެނެއެވެ.
ހަމައެހެންމެ މަޖިލީހުގެ އަންހެން މެންބަރުން އާންމުކޮށް މަޖިލީހުގެ ޖަލްސާތަަކަށް ވަޑައިގަންވަން ޖެހޭނީ ރާއްޖޭގެ އާންމު އަދަބާ ހިލާފު ނުވާގޮތަށް ހުންނަ ރަސްމީ ހެދުމެއްގައި ކަމަށާއި ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް ވެސް އެފަދަ ހެދުމެއް ނުވަތަ ކޯޓުފަޓުލޫނު ތުރުކުރެއްވުމުގެ އިހުތިޔާރު އަންހެން މެންބަރުންނަށް އޮންނާނެކަމަށް އެ އިސްލާހުގައި ބުނެފައި ވެއެވެ.
ހެދުން އެޅުމުގެ ގަވައިދާ ހިލާފުވާ މެންބަރުންނަށް މަޖިލީހުގެ ގަވާއިދުގެ 71 ވަނަ މާއްދާގެ ދަށުން މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތަކުގައި ބައިވެރިވުމުން މަހްރޫމު ކުރެވޭނެ ކަމަށްވެސް އެ އިސްލާހުގައި ބުނެފައި ވެއެވެ.




