ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ށ. ގޮއިދޫގައި ގާއިމުކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރު (އެފްއާރްސީ) ގެ ބިންގާ އަޅައިފިއެވެ.
އެ ސެންޓަރުގެ ބިންގާ އަޅާފައި ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ށ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެތެރެއިން މިއަދު ގޮއިދޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި، ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއުއެވެ.
ސަރުކާރުން ރާއްޖޭގެ އެކި ރަށްތަކުގައި ޤާއިމްކުރާ ފިޓްނަސް އެންޑް ރެކްރިއޭޝަންގެ މަސައްކަތްތައް ސަރުކާރު ހިއްސާވާ ކުންފުނިތަކާ ވަނީ ހަވާލުކޮށްފައެވެ. މިގޮތުން ގިނަ ރަށްތަކެއްގެ އެފްއާރުސީގެ މަސައްކަތް ފެނަކަ، އާރުޑީސީ، އެމްއޭސީއެލްއާ ވަނީ ހަވާލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ކުޅިވަރު ވަޢުދުފުޅުތަކުގެ ތެރޭގައި ހިމެނޭ އެންމެ މުހިންމު އެއް ވަޢުދުފުޅަކީ ދެ އަހަރުގެ ތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކާއި، އައުޓްޑޯ ޖިމް ޤާއިމްކޮށްދެއްވުމެވެ.



