ށ. ބިލެތްފަހީ ކައުންސިލުން އެ ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހިއްސާކުރައްވައިފިއެވެ.
ބިލެއްްފަހީ ކައުންސިލުން އެ ކަންކަން ރައީސް މުޢިއްޒުއާ ހިއްސާކުރައްވާފައި ވަނީ މިއަދު ބިލެތްފަހި ސްކޫލްގައި އެ ރަށު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި އެ ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާއެކު ރައީސް ބޭއްވި ބައްދަލުކުރެއްވުމުގައެވެ.
އެ ބައްދަލުކުރައްވުމުގައި ވަނީ އެ ރަށު ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ރަށުގެ ތަރައްޤީއަށް އެންމެ ބޭނުންވާ ކަންކަން ވަނީ ހިއްސާކުރައްވާފައެވެ. ކައުންސިލުން ވަނީ އެ ރަށުގައި މީގެ ކުރިން ފެށި ނަމަވެސް މަސައްކަތް ހުއްޓިފައިވާ ބައެއް މަޝްރޫޢުތައް އަވަސްކޮށްދެއްވުމަށް އެދިވަޑައިގެންފައެވެ.
އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫޢާއި، ބަނދަރުގެ މަސައްކަތް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ރަށުގެ ބަނދަރުގެ ނެރުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި، ގިރާ ސަރަހައްދު ހިމާޔަތް ކުރުމާއި، ސްކޫލްގެ މަލްޓި ޕަރޕަސް ހޯލާއި ކްލާސްރޫމް އިތުރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގަތެވެ.
ހަމައެހެންމެ ރަށުގެ ޞިއްޙީ މަރުކަޒަށް ޖާގަ އިތުރުކޮށް ޚިދުމަތްދޭ ވަގުތު ސޯޅަ ގަޑިއިރަށް އިތުރުރުކޮށްދެއްވުމަށާއި، އަލަށް އާބާދުވާ ސަރަޙައްދަށް ފެނާއި ނަރުދަމާގެ އިތުރުން ކަރަންޓްގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވުމަށާއި ކުނީގެ މައްސަލަ ހައްލުކުރުމަށް ކުނި ކޮށްޓެއްގެ އިތުރުން އެއާޕޯޓުގެ މަސައްކަތް މި ދައުރުގައި ނިންމަވައިދެއްވުމަށް ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުވުމުގައި އ.ތ.މ. ކޮމިޓީން ވަނީ މަސައްކަތް ކުރާނެ ޖާގައިގެ ދަތިކަން ހައްލުކޮށްދެއްވައި އަންހެނުންނަށް އިންޑޯ ޖިމެއް ބޭނުންވާކަން ފާހަގަކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ.
އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ ބިލެތްފަހީގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.



