މިދިޔަ މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ 860 މިލިއަން ޑޮލަރު ކަމަށް މޯލްޑިވްސް މޮނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު 50 އިންސައްތަ އިތުރު އަދަދެކެވެ.
އެމްއެމްއޭއިން ނެރުނު ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް ރަސްމީ ރިޒާވުގައި ހުރީ، 810.05 މިލިއަން ޑޮލަރެވެ. އަދި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރިޒާވުގައި ހުރީ 859.46 މިލިއަން ޑޮލަރެވެ. މިއީ މަހުން މަހަށް އަޅާކިޔާއިރު 6 އިންސައްތައިގެ ކުރިއެރުމެކެވެ.
ރަސްމީ ރިޒާވްގައި ނުހިމެނޭ ސެކިއުރިޓީސް އިންވެސްޓްމަންޓާއި ބޭރު ފައިސާގެ އެހެނިހެން އެސެޓުގެ ގޮތުގައި 116.64 މިލިއަން ޑޮލަރު މިދިޔަ މަހުގެ ނިޔަލަށް ހުރި ކަމަށް މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ރަސްމީ ރިޒާވް އިތުރުވެފައިވީ ނަމަވެސް ކުރު މުއްދަތުގައި ދައްކަންޖެހޭ އިލްތިޒާމުތަކުގެ އަދަދު އޮގަސްޓުގެ ނިޔަލަށް ވަނީ އިތުރުވެފައެވެ. މިގޮތުން ކުރު މުއްދަތަށް ދައްކަން ޖެހޭ ބޭރުފައިސާގެ އިލްތިޒާމުތަކަށްވާ އަދަދު ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރީ 781.75 މިލިއަން ޑޮލަރުގައެވެ. އޭގެ ކުރީ މަހު މިއަދަދު ހުރީ 738.63 މިލިއަން ޑޮލަރުގައެވެ.



