އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގައި ކުރީގެ ބަންޑާރަނައިބު އިބްރާހިމް ރިފްއަތު އެ ކޮމިޝަނަށް ހާޒިރުވާން އަންގައިފިއެވެ.
އެމްޑީޕީ ސަރުކާރުން ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ މައްސަލަތަކެއް ފެންމަތިވެފައި މިވަނީ، ދާދި ފަހުން އޮޑިޓަރ ޖެނެރަލް އޮފީހުން ހާމަކޮށްފައިވާ އޮޑިޓު ރިޕޯޓަކަށް ފަހުއެވެ.
އެމްޑީޕީ ސަރުކާރުގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވުނު އެ ރިޕޯޓާއި އެކު ސަރުކާރުގެ މެންބަރުން ވަނީ އޭރު ދައުލަތުގެ އެކި މަގާމުތައް ފުރުއްވި ބޭފުޅުންނާއި ކުންފުނިތަކުގެ އިސްވެރިންގެ މައްސަލަތައް ބެލުމަށް ގޮވާލާފައެވެ. މިކަމާއި ގުޅިގެން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއާއި، ތަޅުމަށް ވެސް ބައެއް މައްސަލަތައް މިހާރު ވަނީ ހުށަހަޅާފައެވެ.
މި މައްސަލަ ގޯސްވެފައިވަނިކޮށް އޭސީސީ ކުރިޔަށް ގެންދާ ތަހުގީގަކަށް އެމްޑީޕީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ އަދި އެ ޕާޓީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލާއި، ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީއަށް ވަނީ ކޮމިޝަނަށް ހާޒިރުވާން އަންގައި ޗިޓު ފޮނުވާފައެވެ.
ރިފްއަތު އޭސީސީއަށް ހާޒިރު ކުރަނީ ކޮން މައްސަލައެއްގައިކަން އަދި ސާފެއް ނޫނެވެ. އޭނާއަށް ކޮމިޝަނަށް ހާޒިރުވުމަށް އަންގައި ޗިޓު ފޮނުވާފައިވާކަން ހާމަކުރެއްވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްއެވެ.
ރައީސް ޞާލިޙް ތުހުމަތު ކުރެއްވި ގޮތުގައި، މިއީ މިނިވަން މުވައްސަސާތަކަށް ބިރު ދައްކައި ސިޔާސީ ނުފޫޒު ފޯރުވުމުގެ ގޮތުން މިހާރު ފެށިފައިވާ ސިލްސިލާއެކެވެ. އަދި ސިޔާސީ ނުފޫޒުގައި ޖެހި ރައްޔިތުންގެ އިތުބާރު މިނިވަން މުވައްސަސާތަކަށް ގެއްލޭ ގޮތަށް އަމަލު ނުކުރުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.



