އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަދި ހުޅުމާލެ ފޮލިސް ސްޓޭޝަންގެ އެންމެ އިސްވެރިޔާ މުހައްމަދު ދާއޫދަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް އުފުލިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިއަދު ވަނީ ދާއޫދާއި އޭނާގެ އާއިލާގެ ބައެއް މެންބަރުންގެ އެކައުންޓުތަކަށް ނާޖާއިޒް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެވިފައިވާކަން ހާމަކޮށްފައެވެ.
ފުލުހުންގެ އިދާރާގެ ދަށުން ހިންގާ ކުންފުނި، ޕޮލްކޯއާ ގުޅޭ ގޮތުން މާލިއްޔަތު ކޮމިޓީން މައްސަލަ ބެލި ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ، ސޯސް އޮފް އިންކަމް (އާމްދަނީ ލިބުނު ގޮތް) ނޭނގޭ ގޮތަށް 2023 ވަނަ އަހަރާއި 2024 ވަނަ އަހަރު ދާއޫދުގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ފާހަގަކުރެއްވޭ ކަމަށެވެ.
ނާޒިމް ވިދާޅުވީ ފުލުހުންނަކީ ވިޔަފާރިކުރުން މަނާ ބަޔަކަށް ވާއިރު، ދާއޫދު ހިއްސާވާ އެއްވެސް ވިޔަފާރިއެއް ނެތް ކަމަށެވެ.
”ހަމަ އެއާ އެކު މުހައްމަދު ދާއޫދު އަދި އޭނާގެ އަންހެނުންގެ ބޭންކް އެކައުންޓް އެނަލައިޒް ކުރުމުން މއ. ތަޅަމުދިގޭގެ ކުލި، މުހައްމަދު ދާއޫދާއި އޭނާގެ އަންހެނުންގެ އެކައުންޓަށް ޖަމާވަމުން ދިޔަކަން ފާހަގަކުރެވިފައި ވާއިރު އެ ގޭގެ ވެރިފަރާތަކީ މުހައްމަދު ދާއޫދު ނުވަތަ އޭނާގެ އަންހެނުން ނޫން ކަމާއި އެ ގޭގެ ކުލި އެ ދެ މީހުންނަށް ލިބޭނީ، އެ ގެ ހެދުމަށް އެ ދެ ފަރާތުން އިންވެސްޓްކޮށްފައި ވުމުން ކަމުގައިވާތީ އޭނާ އަށް އެފަދަ ބޮޑު އިންވެސްޓްމެންޓެއް ކުރުމަށް ފަންޑު ލިބުނު ގޮތް ބަލަން ޖެހޭ ކަމަށް ނިންމާފައިވޭ،“ މަޖިލީހުގެ ނައިބު ރައީސް ވިދާޅުވިއެވެ.
މި މައުލޫމާތުގެ އިތުރުން ނާޒިމް ވިދާޅުވި ގޮތުގައި، އެ މައްސަލައާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް އިތުރު ކަންކަން ވެސް ފާހަގަކުރެވިފައި ވެ އެވެ. އެކަމަކު، އެކަންކަން ސިއްރު ރިޕޯޓެއްގައި އޮތުމުން ހާމަކުރެވެން ނެތްކަން ވެސް ނާޒިމް ވިދާޅުވިއެވެ.




