ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ށ. ފީވަކު ކައުންސިލާއި، އ.ތ.މ. ކޮމިޓީ އަދި ރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.
އެ ބައްދަލުކުރެއްވުން ބާއްވާފައި ވަނީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ށ. އަތޮޅުގެ ރަށްތަކަށް މިހާރު ކުރައްވަމުން އަންނަ ދަތުރުފުޅުގައި މިއަދު ފީވަކަށް ވަޑައިގަތުމުންނެވެ.
އެ ބައްދަލުކުރެއްވުން ކުރިއަށްގެންދިޔައީ ފީވަކު ކައުންސިލް އިދާރާގައެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި ވަނީ ރައްޔިތުންނަށް އެންމެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލް މެންބަރުން ދެއްކެވި ވާހަކަފުޅުގައި ފީވަކަށް މިވަގުތު އެންމެ ބޭނުންވާ ކަންކަން ފާހަގަކުރައްވާފައިވެއެވެ.
މިގޮތުން ފީވަކުގެ ބަނދަރުގެ ބޭރު ތޮށިލުމުގެ މަސައްކަތާއި، ބަނދަރުގައި ހަދާނިމިފައިވާ ޓާރމިނަލަށް ބޭނުންވާ ފެނާއި ނަރުދަމާގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށާއި، ރަށުގެ ޗަކަބިން ސަރަހައްދުން ދޫކޮށްފައިވާ ބިމަށް ފަސްއަޅައި ހިއްކައިދިނުމަށް މެންބަރުން އެދިވަޑައިގެންނެވިއެވެ.
ފީވަކުގެ ޞިއްޙީ މަރުކަޒުގެ އެކްސްޓެންޝަން މަސައްކަތް ހުއްޓިފައިވާތީ، އެ މަސައްކަތް ކުރިއަށް ގެންދެވުމަށާއި، ޞިއްޙީ މަރުކަޒުން ސައުވީސް ގަޑިއިރަށް ޚިދުމަތް ދެވޭނެ ގޮތް ހައްދަވައިދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.
މީގެ އިތުރުން އަތޮޅު ހޮސްޕިޓަލުން، ޞިއްޙީ މަރުކަޒަށް ގެންނަން ބޭނުންވާ ވެކްސިން، އާރު.ޓީ.އެލް ފެރީ މެދުވެރިކޮށް ފީވަކަށް ގެނެވޭނެ އިންތިޒާމް ހަމައްސަވައިދެއްވުމަށް ޞިއްހީ މަރުކަޒުން ވަނީ އެދިވަޑައިގެންފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ ކައުންސިލުން ފާހަގަކުރެއްވި ކަންކަން ބައްލަވާނެކަމުގައި ވިދާޅުވެފައެވެ. އަދި ބައްދަލަކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުންނާއި، ދައުލަތުގެ ކުންފުނިތަކުގެ ވެރިން މެދުވެރިކުރައްވައި އެ މަނިކުފާނު ވަނީ އެ ރަށުގައި ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.



