ކުރީގެ ޕޮލިސް ކޮމިޝަނަރު (ސީޕީ) މުހައްމަދު ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޭނުންވާ ބޮޑީ ވޯން ކެމެރާ ގަތުމުގައި ވެސް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މިއަދު ތުހުމަތުކޮށްފިއެވެ.
މި މައްސަލައަކީ ފުލުހުންގެ ހައުސިން މަޝްރޫއު (ބްލޫ ހައުސިންގް / ޕޮލްކޯ)ގެ އޮޑިޓް ރިޕޯޓުތައް ދިރާސާކުރަން ނެގި ޚާއްސަ ސަބް ކޮމިޓީން ބަލަން ފެށި މައްސަލައެކެވެ.
އެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ ސީޕީކަމުގެ މަގާމުގައި ހަމީދު ހުންނެވިއިރު ފުލުހުންނަށް ބޮޑީ ވޯން ކެމެރާ ގަންނަން ހަވާލުކުރީ ސިންގަލް ސޯސް ޕްރޮކިއުމަންޓް އުސޫލުގެ ދަށުން ކަމަށެވެ. އެ މަސައްކަތް ހަވާލުކުރި ކުންފުންޏަށް 66 މިލިއަން ރުފިޔާ ދީފައިވެއެވެ.
އެ މައްސަލައިގައި ޝައްކުތަކެއް އުފެދުނީ ފުރަތަމަ އެ މަސައްކަތް ބީލަމަށް ލުމަށް ފަހު، އެ ބާތިލުކޮށްފައި އަލުން އެ މަސައްކަތް ސިންގަލް ޕްރޮކިއުމަންޓް އުސޫލުން ހަވާލުކުރުމުންނެވެ.
ނަމަވެސް އެ މުއާމަލާތުގައި އެއްވެސް މައްސަލައެއް ނެތް ކަމަށް ކުރިން ނިންމާފައިވާ ކަމަށް ނާޒިމް ފާހަގަކުރެއްވިއެވެ.
މި މައްސަލައިގެ ވާހަކަ އަނެއްކާ ވެސް ދައްކަން ޖެހުނީ، މަގާމުން ރިޓަޔާކުރެއްވުމަށް ފަހު ހަމީދު އެ ކުންފުނީގެ ވަޒީފާއަކަށް ވަޑައިގެންނެވުމުން ކަމުގައި މެންބަރު ނާޒިމް ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވި ގޮތުގައި މިހާރު ހަމީދު އުޅުއްވަނީ އެ ކުންފުނީގެ ވަޒީފާއެއްގައެވެ.
”ރިޓަޔާ ކުރައްވާފައި ތަކެތި ސަޕްލައިކުރި ކުންފުނީގެ ވަޒީފާއަކަށް މި ވަޑައިގަންނަވަނީ. އެހެންވީމާ އެ މަގާމުގައި ހުންނެވިއިރު އެވާޑްކުރި ކޮންޓްރެކްޓެއް ލިބުނު ކުންފުންޏަކަށް ވަޒީފާއަށް ވަޑައިގެން އެ ޕްރޮޑަކްޓްތައް ޕްރޮމޯޓްކުރުމުގައި އުޅުއްވާތީ ހުށަހަޅާފައި އޮތް މައްސަލައެއް މި މައްސަލައަކީ،“ މަޖިލިހުގެ ނައިބުރައީސް ވިދާޅުވިއެވެ.



