ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ ނޮވެމްބަރު މަސް ތެރޭގައި ރަސްމީކޮށް ހުޅުވުމަށް ވަމުން އަންނަ ތައްޔާރީތަކުގެ ތެރެއިން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގައި މިހާރު ބޭނުންކުރަމުން އަންނަ ޓާމިނަލް (ބާ ޓާމިނަލް)ގެ އޮޕަރޭޝަންސްތައް މާދަމާ (15 އޮކްޓޫބަރ 2025) އިން ފެށިގެން އާ ޓާމިނަލުގެ ގްރައުންޑް ފްލޯއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނެފިއެވެ.
އެމްއޭސީއެލް އިން ބުނީ، މިބަދަލު ގެންނަން ހަމަޖެހިފައިވަނީ، އާ ޓާމިނަލް ހުޅުވުމަށްޓަކައި މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީ (އެމްސީއޭއޭ)ގެ މިންގަނޑުތަކާ އެއްގޮތަށް ހުރިހާ ވައްތަރެއްގެ ކޯޑް ސީ މަތިންދާބޯޓުތައް އާ ރަންވޭއަށް ޖެއްސޭނީ މުޅި ރަންވޭ ބޭނުންކޮށްގެން ކަމުގައިވާތީ، ރަންވޭއަށް ކްލިއަރަންސް ހޯދުމަށްޓަކައި ބާ ޓާމިނަލްއާއި އާއި އެތަނާއި އިންވެގެންވާ އިމާރާތްތަކާއި އަދި އުސް ތަންތަން ނަގައި ހުސްކުރަންޖެހޭތީ ކަމުގައެވެ.
މިކަމާއި ގުޅޭ އެންމެހާ މައުލޫމާތު 9 އޮކްޓޫބަރު 2025ގައި ވަނީ ރަށު ކައުންސިލާއި ކަމާއި ބެހޭ އެހެނިހެން އިދާރާތަކާއި ހިއްސާކޮށްފައި ކަމުގައިވެސް އެއާޕޯޓްސް ކުންފުނިން ބުންޏެވެ.
ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ އެންމެ ފަހުގެ ތައްޔާރީތައް އެމްއޭސީއެލް އިން ވަމުން އަންނައިރު، ޓާމިނަލްގެ ހިދުމަތްތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި އިކުއިޕްމަންޓް އަދި މެޝިނަރީސް ޓެސްޓުކުރުމާއި އެތަނުގެ މައިގަނޑު ހަރަކާތްތެރިންގެ ގޮތުގައި ހިމެނޭ އިންސާނީ ވަސީލަތް ތަމްރީނުކުރުމާއި ހުޅުވުމުގެ ކުރިއާއި ފަހަތަށް މުޅި ޓާމިނަލް ގައުމީ އަދި ބައިނަލްއަގުވާމީ މިންގަނޑުތަކަށް ތައްޔާރުކުރެވިފައިވޭތޯ ކަށަވަރު ކުރުމަށް ކުރިއަށް ގެންދާ އޮރާޓް ޕްރޮސެސް ވެސް މިހާރު ވަނީ ފަށައިފައެވެ.


