ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ކުނި މެނޭޖުކުރުމުގެ މަޝްރޫޢުތަކުގެ މަސައްކަތް އަލުން ފަށަން ނިންމާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.
މިކަން ހާމަކުރައްވާފައި ވަނީ މިލަދުންމަޑުލު އުތުރުބުރީގެ މީހުން ދިރިއުޅޭ ރަށްރަށަށް ރައީސް ޑރ. މުހައްމަދު މުޢިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެ އަތޮޅު ފީވަކު ރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
އެގޮތުން އެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މިލަދުންމަޑުލު އުތުރުބުރީ ފީވައް ހިމެނޭގޮތަށް، އުތުރުގެ ވިއްސަކަށް ރަށުގައި ހުއްޓުމަކަށް އައިސްފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތައް ބިނާކުރުމުގެ މަޝްރޫޢުތައް އަލުން ފެށުމުގެ އިންތިޒާމުތައް ކުރައްވަމުންގެންދަވާ ކަމަށެވެ.
ބޭރުގެ ފަންޑެއްގެ ދަށުން، އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްގެން ކުރިއަށްގެންދާ ގޮތަށް ފަށާފައި ހުރި ކުނި މެނޭޖްކުރާ މަރުކަޒު އިމާރާތްކުރުމުގެ މަޝްރޫޢުތަކަށް އިޝާރާތްކުރައްވަމުން އެމަނިކުފާނު ވިދާޅުވީ، އެ މަސައްކަތްތައް އަލުން ފެއްޓޭނޭ ގޮތްތަކެއް ހޯއްދެވުމަށް ކަމާބެހޭ މިނިސްޓްރީން ގިނަ ދުވަސްތަކެއް ވަންދެން ކުރި މަސައްކަތް ނާކާމިޔާބުވެފައިވާ ކަމަށެވެ.
އެހެންކަމުން، މިހާރު މިކަމުގައި ކުރިއަށްދާނޭ ގޮތްތަކެއް ކަނޑައަޅުއްވައި، އެ އިންތިޒާމުތައް ކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ.




