ށ. ފޯކައިދޫގެ ތަރައްޤީއާ ގުޅުންހުރި ގިނަ މަޝްރޫޢުތަކެއް ރައީސް ޑރ. މުހައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.
ރައީސް މުޢިއްޒު އެ މަޝްރޫޢުތައް އިޢުލާންކުރައްވާފައިވަނީ، ށ. އަތޮޅުގައި މީހުން ދިރިއުޅޭ ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، ފޯކައިދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ، ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި އެ ރަށަށް ކުރެއްވި ޒިޔާރަތުގައި، ރަށުގެ ތަރައްޤީއަށް ކުރައްވާނޭކަމަށް ވަޢުދުވެވަޑައިގެންނެވި ކަންކަމާ ގުޅުންހުރި ބައެއް މަޝްރޫޢުތައް ރޭވިފައިވާ ގޮތް އިޢުލާންކުރައްވައި، އޭގެ ތެރެއިން މިހާރު ކުރިއަށްދާ މަޝްރޫޢުތަކުގެ އަދާހަމަ ރައްޔިތުންނާ ހިއްސާކުރައްވާފައެވެ.
އެގޮތުން، މިއަދުގެ ބައްދަލުކުރެއްވުމުގެ ތެރެއިން ވަނީ، ފޯކައިދޫގެ ބޮޑެތި މަގުތައް ހެދުމަށް އިސްކަން ދީގެން މަގުހެދުމުގެ މަޝްރޫޢެއް ކުރިއަށްގެންދިއުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައެވެ.
އަދި ފޯކައިދޫ ޞިއްޙީ މަރުކަޒު އިތުރަށް ތަރައްޤީ ކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ދާދި އަވަހަށް އެ ރަށުގައި ޤާއިމުވެ ހުންނާނޭ ފިޒީޝަނެއް ހަމަޖައްސަވައިދެއްވާނޭކަމުގެ ޔަޤީންކަން ދެއްވައި، އަންނަ އަހަރު، ޞިއްޙީ މަރުކަޒުގެ ބިނާރު ތަރައްޤީކުރުމުގެ މަސަކަތްތައް ކުރިއަށްގެންދަވާނޭ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
ޒުވާނުންގެ ކުރިމަގަށްޓަކައި ބިނާކުރަންޖެހޭ ވަސީލަތްތައް ޤާއިކުރެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ފުޓްސަލް ދަނޑަކާއި ހޭންޑްބޯލް ދަނޑެއް އެ ރަށުގައި ތަރައްޤީކުރެއްވުމުގެ ޢަމަލީ މަސައްކަތް ފައްޓަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ހަމައެހެންމެ ތަޢުލީމީ ދާއިރާއިން ވެވަޑައިގެންފައިވާ ވަޢުދާ އެއްގޮތްވާ ގޮތުގެމަތިން، ސްކޫލްގެ އާ އިމާރާތެއްގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާފައިވާކަންވެސް އެމަނިކުފާނު ވަނީ އިޢުލާންކުރައްވާފައެވެ.
އަންނަ އަހަރު އެ ރަށުގައި ގެދޮރުވެރިކަމުގެ މަޝްރޫޢެއްވެސް ކުރިއަށްގެންދަވާނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަށްޓަކައި ހަރުދަނާ ނިޒާމެއް ނެތުމުގެ މައްސަލައަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން މިއަދު ވަނީ، ފޯކައިދޫގައި އިމާރާތްކުރާ، ކުންޏާއި ވަސީލަތް މެނޭޖުކުރާ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި ހިމެނިގެން މިއަދު ވަނީ، ފޯކައިދޫ ފުލުހުންގެ މަރުކަޒު އިމާރާތްކުރުމާއި، އެ ރަށުގެ އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ ޢަމަކީ މަސައްކަތްވެސް ފައްޓަވާފައެވެ.
މީގެ އިތުރުން ފޯކައިދޫ ރައްޔިތުންނާއި ފަތުރުވެރިންގެ ބޭނުމަށް،މިއަދު ވަނީ މޫދަށް އެރޭ ސަރަޙައްދެއް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އާ ހަވާލުކޮށްފައެވެ.




