ށ. ކޮމަންޑޫގައި 30 ޓަނުގެ އައިސްޕްލާންޓެއް އަޅަން ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ.
މި މަޝްރޫއު ސަރުކާރުގެ ފަރާތުން ހަވާލުކޮށްފައިވަނީ އަމިއްލަ ކުންފުންޏެއް ކަމަށްވާ އެތިއޮން ޕްރައިވެޓް ލިމިޓެޑާއެވެ.
ގިނަ އަދަދެއްގެ ޒުވާނުން ވެސް މަސްވެރިކަމުގައި އުޅޭ ކޮމަންޑޫގައި ކަންނެލީގެ މަސްވެރިކަން ވެސް ކުރެ އެވެ. އެކަމަކު ދޯނިތަކަށް ބޭނުންވާ އައިސް، ކައިރި ހިސާބަކުން ނުލިބޭކަމުގެ ކަންބޮޑުވުން އެ ރަށު ރައްޔިތުން ވަނީ މީގެކުރިންވެސް ފާޅުކޮށްފައެވެ.
ދުރު ހިސާބުތަކަށް ދުއްވައިގެން އައިސް ހޯދަން ދިގު ދަތުރުތައް ކުރަންޖެހޭ ޝަކުވާއަށް ނިމުމެއް ގެނައުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.
ށ. އަތޮޅުގެ ރަށްތަކަށް ރައީސް މުޢިއްޒު ފައްޓަަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު ކޮމަންޑޫއަށް ވަޑައިގެން ރޭގައި ބޭއްވި ރަސްމިއްޔާތެއްގައި ވަނީ 30 ޓަނުގެ އައިސްޕްލާންޓެއް އެޅުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއި ކޮށްފައެވެ.
އެއްބަސްވުމުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ މިނިސްޓަރު އަހުމަދު ޝިޔާމް އެވެ. އެތިއޮން ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެގްޒެކެޓިވް ޑިރެކްޓަރ ކިޔާޝަތު އަބްދުﷲ އެވެ.



