އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނޭ ކަމެއް ކަމަށާއި އެހެންކަމުން އެ އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ބަންޑާރަނައިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
ބަންޑާރަނައިބު މިހެން ވިދާޅުވީ، އެއްވެ އުޅުމުގެ ގާނޫނަށް ގެނެސްފައިވާ އިސްލާހު ގާނޫނުއަސާސީއާ ހިލާފު ކަމަށް އޭޖީ އުޝާމް ކުރިން ވިދާޅުވެފައިވާތީ އެ ގާނޫނު ބާތިލްކުރުމުގެ އެއްވެސް ވިސްނުންފުޅެއް ގެންގުޅުއްވަންތޯ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގަައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެގޮތުން އުޝާމް ވިދާޅުވީ އެއްވެ އުޅުމުގެ ގާނޫނަށް ބަދަލުތައް ގެންނަން އެކުލަވާލާ ބިލު ރައްޔިތުންގެ މަޖިލީހަށް ވަރަށް އަވަހަށް ފޮނުއްވާނެ ކަމަށެވެ.
”އާދެ، މި ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައި އޮތް ކަމެއް އެއްވެ އުޅުމުގެ ގާނޫނު އިސްލާހުކުރުމަކީ. އެހެންވީމާ އަޅުގަނޑުމެން އެ އިސްލާހު މަޖިލީހަށް ހުށަހަޅާނަން،“ އުޝާމް ވިދާޅުވި އެވެ.
މީގެއިތުރުން އިހަވަންދޫ ދާއިރާގެ ޕީއެންސީ މެންބަރު އަހުމަދު ނަސީރުގެ ސުވާލަކާ ގުޅިގެން ބަންޑާރަނައިބު ވިދާޅުވީ ގާނޫނުއަސާސީގެ ދެވަނަ ބާބުން ލިބިދޭ ހައްގުތަކަކީ ވަކި ހައްދެއް ނެތި ލިބޭ ހައްގުތަކެއް ނޫން ކަމަށެވެ. މެންބަރު ނަސީރުގެ ސުވާލުގައި އޭނާ ކަންބޮޑުވުން ފާޅުކުރެއްވީ އެއްވެ އުޅުމުގެ މިނިވަންކަމާއި އަޑުގަދަ ކުރުމުގެ ހައްގު ގާނޫނުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދީފައި ވިޔަސް ރާއްޖޭގައި، ހާއްސަކޮށް މާލޭގައި އެވަރަށް ޖާގަ ނޯންނަ ކަމަށް ވިދާޅުވެއެވެ.
އުޝާމް ވިދާޅުވި ގޮތުގައި އެއްވެ އުޅުމުގެ ހައްގު ވެސް ބޭނުންކުރަން އޮންނަނީ އެހެން މީހުންގެ ހައްގުތަކަށް ރިއާޔަތްކޮށްގެންނެވެ.



