މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައިގެން ހިނގި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން އެކަކު ދާދި ދެންމެއަކު ފެނިއްޖެއެވެ.
މި ހާދިސާއާ ބެހޭގޮތުން މެރިން ފުލުހުން ކުރިނަ ބުނީ ”އަލްމާކް ފިޔަ“ ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލި އިރު އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ގެއްލިފައިވާ ކަމަށާއި ހަތަރު މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އެމީހުން ސަލާމަތް ކުރެވުނީ ރޭ 3:48 އެހާކަށް ހާއިރު ކަމަށް ވެސް ބުންޏެވެ.
ނަމަވެސް އެމްއެންޑީއެފް އިން ދާދި ދެންމެއަކު މައުލޫމާތު ދިން ގޮތުގައި ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު މިހާރު ވަނީ ފެނިފައެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓު ކައިރީގައި އޮންނަ ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ފަތިހު 4:30 އިން ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.
ގެއްލުނު ތިން މީހުން ހޯދަން ކޯސްޓްގާޑުގެ ޑައިވަރުން މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް މެރިން ފުލުހުން ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓެއްގައި ބުންޏެވެ.




