މާލެއަތޮޅު ތެރެއިން ދަތުރުކުރި ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލައިގެން ހިނގި ހާދިސާގައި ގެއްލުނު ތިން މީހުންގެ ތެރެއިން ފެނުނު މީހާ އޮތީ ނިޔާވެފައި ކަމަށް ފުލުހުން ދެންމެ މައުލޫމާތު ދީފިއެވެ.
މި ހާދިސާއާ ބެހޭގޮތުން މެރިން ފުލުހުން ކުރިން ބުނީ ”އަލްމާކް ފިޔަ“ ނަމަކަށް ކިޔާ އެ އުޅަނދު ބަންޑުން ޖަަހާލި އިރު އޭގައި ތިބި މީހުންގެ ތެރެއިން ތިން މީހަކު ގެއްލިފައިވާ ކަމަށާއި ހަތަރު މީހަކު ސަލާމަތްކޮށްފައިވާ ކަމަށެވެ. އެމީހުން ސަލާމަތް ކުރެވުނީ ރޭ 3:48 އެހާކަށް ހާއިރު ކަމަށް ވެސް ބުންޏެވެ.
އެމްއެންޑީއެފް އިން މި ހާދިސާގެ އަޕްޑޭޓެއް ފަހުން ދެމުން ބުނީ، ގެއްލުނު 3 މީހުންގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށެވެ. ނަމަވެސް އެމީހާ ނިޔާވެފައިވާކަން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު އެއިރަކު ހާމައެއް ނުކުރެއެވެ.
ފުލުހުން ދާދިދެންމެއަކު ބުނީ ބަންޑުން ޖަހާލި ކޮޅުވެއްޓިން ދަތުރުކުރި 7 މީހުންގެ ތެރެއިން ގެއްލިފައިވާ އެކަކު ނިޔާވެފައި އޮއްވާ ކޯސްޓްގާޑް ޑައިވަރުންނަށް ފެނިފައިވާ ކަމަށެވެ. އެމީހާގެ ހަށިގަނޑު ފެނިފައިވަނީ މިއަދު ހެނދުނު 8:04 ހާއިރެވެ.
އެމްއެންޑީއެފުން ބުނި ގޮތުގައި މާލެއިން ފުރައިގެން ރީތިރަށް ރިސޯޓު ކައިރީގައި އޮންނަ ކ. އެރިޔަދޫއަށް ދަތުރުކުރަނިކޮށް ބަންޑުން ޖަހާލި އެ އުޅަނދަކީ ދިގުމިނުގައި 100 ފޫޓު ހުރި އުޅަނދެކެވެ. އެ އުޅަނދުގެ ކައިރީގައި ސިފައިންނާއި މެރިން ފުލުހުން އަންނަނީ މީހުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މި ދުވަސްވަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯހެވެ. މެޓް އޮފީހުން އެންމެ ފަހުން ނެރެފައިވާ އެލާޓްގައި، ފަތިހު 4:30 އިން ހެނދުނު 8:30 އަށް، ހއ. އިން ލ. އަތޮޅާ ހިސާބަށް ވަނީ ރީނދޫ އެލާޓް ނެރެފަ އެވެ. އެ ވަގުތު ބޯކޮށް ވާރޭ ވެހި ގުގުރާނެ ކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.



