ފުލުހުން އައުމުން މަސްތުވާތަކެތި ދިރުވާލި ކަމަށް ބުނާ މައްސަލައެއްގައި ތ. ތިމަރަފުށިން އަންހެނަކު ހައްޔަރުކޮށްފިއެވެ.
މި ހާދިސާ ހިނގާފައިވަނީ މިދިޔަ އަންގާރަ ދުވަހުގައެވެ.
މި މައްސަލައާ ބެހޭގޮތުން ފުލުހުން މިއަދު ބުނީ، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސާއި ތިމަރަފުށި ޕޮލިސް ގުޅިގެން ހިންގި އޮޕަރޭޝަންގައި 40 އަހަރުގެ އަންހެނަކު ކޯޓު އަމުރެއްގެދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ.
އޭނާ ބަލައިފާސްކުރަން އުޅުނު ވަގުތު އޭނާގެ ހަށިގަނޑުގެ ތެރެއިން ބިންމައްޗަށް ވެއްޓުނު އެއްޗެއް ނަގައި ދިރުވައިލާފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެ ތަކެތި ނަގައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ އަންހެން މީހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހަށް ވަނީ ބަންދުކޮށްފައެވެ.
މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ.



