މާލެއިން ފުރައިގެން ކ. އެރިޔަދޫއަށް ދަތުރުކުރަމުން ދިޔަ ”އަލްމާކް ފިޔަ“ ކިޔާ ކޮޅުވެއްޓިއެއް ރޭ ދަންވަރު ބަންޑުން ޖަހާލި ހާދިސާގައި ގެއްލިގެން ހޯދި އިތުރު މީހެއްގެ ހަށިގަނޑު ކަނޑު އަޑިން ފެނިއްޖެއެވެ.
ޖުމްލަ 7 މީހުންނާ އެކު ދަތުރުކުރި އެ ކޮޅުވެއްޓިން ހަތަރު މީހުން ކޯސްޓްގާޑުން ވަނީ ކުރިން ސަލާމަތްކޮށްފައެވެ. އަދި، ތިން މީހުން ގެއްލިގެން ފުލުހުންނާއި ސިފައިން އަންނަނީ އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުންނެވެ.
މީގެ ކުރިން ސިފައިން ވަނީ އޭގެ ތެރެއިން އެކަކު ފެނިފައިވާ ކަމަށް ބުނެފައެވެ. އެއީ، ގއ. ދާންދޫ ސަރުސޫނުގެ / އަހުމަދު ޝިފާން (38އ.) އެވެ. ނަމަވެސް އޭނާ ފެނުނުއިރުވެސް ވަނީ ނިޔާވެފައެވެ.
ސިފައިން ވަނީ ހޯދަމުން އައި އިތުރު މީހެއްގެ ހަށިގަނޑު ވެސް ކަނޑު އަޑިން ފެނިފައިވާ ކަމަށް ބުނެފައެވެ.
ފުލުހުން ބުނީ ކޯސްޓް ގާޑްގެ ޑައިވަރުންނަށް ދެވަނަ މީހާގެ ހަށިގަނޑު މިއަދު 15:45 އެހާކަންހާއިރު ފެނިފައިވާ ކަމަށެވެ. އެ މީހާގެ ހަށިގަނޑު ފެނުނީ ކަނޑު އަޑިންނެވެ. އެއީ ބިދޭސީއެކެވެ.



