ށ. އަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މިއަދު މާލެ ވަޑައިގަންނަވައިފިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި، މިލަދުންމަޑުލު އުތުރުބުރީގައި މީހުން ދިރިއުޅޭ 14 ރަށްކަމަށްވާ ކަނޑިތީމު، ނޫމަރާ، ގޮއިދޫ، ފޭދޫ، ފީވައް، ބިލެތްފަހި، ފޯކައިދޫ، މިލަންދޫ، ނަރުދޫ، މަރޮށި، ޅައިމަގު، ފުނަދޫ، ކޮމަންޑޫ އަދި މާއުނގޫދޫއަށް ޒިޔާރަތްކުރައްވާފައިވެއެވެ.
ރައީސްގެ މި ދަތުރުފުޅުގައި އެ ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ އަދި ރައްޔިތުންނާ ބައްދަލުކުރައްވައި، އެ ރަށްރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި، ރަށާއި ރައްޔިތުންގެ ޙާލަތާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ.
ސަރުކާރުގެ ބައެއް މިނިސްޓަރުންނާއި ކުންފުނިތަކުގެ ވެރީންގެ މައްޗަށް އެކުލެވޭ ވަފުދެއް މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވިއެވެ. އެ ވަފުދުން ވަނީ، ކޮންމެ ރަށެއްގައި މިހާރު ފަށާފައިވާ އަދި ފެށުމަށް ހަމަޖެހިފައިވާ މަސައްކަތްތަކާ ގުޅޭ އަދާހަމަ މަޢުލޫމާތު ފޯރުކޮށްދެއްވާފައެވެ.
ރައީސްގެ މި ދަތުރުފުޅުގައި އަތޮޅުގެ އެކި ރަށްރަށަށް އަމާޒުކުރައްވައިގެން، ތަރައްޤީގެ މަސައްކަތްތައް ފައްޓަވައި، ތަރައްޤީގެ އެކި މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި ވަނީ ސޮއިކުރައްވާފައެވެ
. އެ މަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން، ސަރުކާރުގެ އެއްފަސްކުރުމުގެ ސިޔާސަތާއި ގުޅޭ ބައެއް މަޝްރޫޢުތަކާއި، ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި، ތަޢުލީމާއި، ޞިއްޙަތާއި، ހަށިހެޔޮކަމާއި ގުޅުންހުރި ބައެއް މަސައްކަތްތަކާއި މަޝްރޫޢުތައް ފައްޓަވާފައިވެއެވެ.
އަދި އެކި ދާއިރާތަކުން ރަށްރަށަށް ބޭނުންވާ ތަރައްޤީ ކަށަވަރުކޮށްދެއްވުމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ޔަޤީންކަން، އެމަނިކުފާނު ވަނީ ރައްޔިތުންނަށް ތަކުރާރުކޮށް ދެއްވާފައެވެ.
އެގޮތުން، މަސްވެރިކަން ތަރައްޤީކުރުމަށް، މި ސަރުކާރުން ފެއްޓެވި މަސައްކަތްތަކުގެ ތެރޭގައި ހިމެނިގެން ޤާއިމުކުރެއްވި ފުރަތަމަ އައިސް ޕްލާންޓްގެ ޚިދުމަތް، ފުނަދޫގައި ރަސްމީކޮށް ފައްޓަވައިދެއްދެއްވިއެވެ.
ހަމައެހެންމެ 2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 500 މިލިޔަން ރުފިޔާ ޞިއްޙީ ދާއިރާއަށް، އަދި 500 މިލިޔަން ރުފިޔާ ތަޢުލީމީ ދާއިރާއަށް އެކަށައަޅުއްވާނޭކަންވެސް އެ ދަތުރުފުޅުގައި އެ މަނިކުފާނު އިޢުލާންކުރެއްވިއެވެ.
މީގެ އިތުރުން އެ ދަތުރުފުޅުގައި ރާއްޖޭގެ މާލީ އަދި އިޤުތިޞާދީ ޙާލަތާއި ލިބެމުންދާ ކުރިއެރުންތަކާބެހޭ މަޢުލޫމާތު ހިއްސާކުރައްވާ ރައީސް ވަނީ، ޕޭޕަލް ފަދަ ބައިނަލްއަޤްވާމީ ޒަމާނީ މާލީ މުއާމަލާތްތައް ކުރެވޭ ޕްލެޓްފޯމްތައް، ދިވެހީންގެ އަތްމައްޗަށް ގެނެސްދެއްވައި، އުފެއްދުންތެރިކަމުގެ އިޤްތިޞާދު އިތުރަށް ފުޅާކޮށްދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
އަދި، ރާއްޖޭގެ ގިނަ ރަށްތަކަށް ކުރިމަތިވެފައިވާ ކުނީގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން، އުތުރުގެ ގިނަ ރަށްތަކެއްގައި ހުއްޓިފައިވާ ކުނި މެނޭޖުކުރާ މަރުކަޒުތަކުގެ މަސައްކަތް އަލުން ފެށޭނެ އިންތިޒާމުތައް ކުރައްވަމުންގެންދަވާކަމުގައިވެސް އެ މަނިކުފާނު އިއުލާނުކުރެއްވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ކަނޑިތީމުގައި ބީއެމްއެލްގެ އޭޓީއެމެއް ހުޅުއްވައިދެއްވާ، ގޮއިދޫގެ ފެނާއި ނަރުދަމާގެ ނިޒާމުގެ ޚިދުމަތް ރަސްމީކޮށް ވަނީ ފައްޓަވައިދެއްވާފައެވެ.



