ޗައިނާ އިން ރާއްޖޭގައި ކުރިއަށް ގެންދާ ”އޯވަސީސް ސެމިނަރ އޮން އޮކިއުޕޭޝަނަލް ހެލްތު އެންޑް ސޭފްޓީ“ ފަށައިފިއެވެ.
މި ސެމިނާ ފަށާފައި ވަނީ އިއްޔެ އެމްއެންޔޫ ފެކަލްޓީ އޮފް ހެލްތު ސައިންސްގައެވެ.
އެގޮތުން އެ ސެމިނާގައި، ޗައިނާގެ ސިޗުއާން ޕްރޮވިންސްގެ ހެލްތު ކޮމިޝަނާއި ޗައިނާގެ އިންޓަނޭޝަނަލް އެކްސްޗޭންޖް ސެންޓަރުގެ މާހިރުންނާއެކު، ޗައިނާގެ 39 މުއައްސަސާއަކާއި ޖަމްޢިއްޔާތަކުގެ މަންދޫބުން ބައިވެރިވެފައި ވެއެވެ.
ރާއްޖެ އަދި ޗައިނާ ސަރުކާރުގެ ބައިވެރިވުމާއެކު އިންތިޒާމުކުރި މި 10 ދުވަހުގެ ސެމިނާގެ މަޤްޞަދަކީ މަސައްކަތުގެ މާޙައުލުގެ ސިއްޙަތާއި ސަލާމަތްތެރިކަމާ ގުޅޭގޮތުން މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމާއި، ރައްކާތެރިކަމުގެ ސަޤާފަތެއް އާލާކުރުމެވެ.
މި ސެމިނަރ ހުޅުވުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ޝަރަފުވެރި މެހުމާނު، ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއް ސަމަދު ވަނީ ޗައިނާގެ މާހިރުންގެ ޓީމުން އެ ބޭފުޅުންގެ އަގުހުރި ޢިލްމާއި ތަޖުރިބާ ހިއްސާކުރުމަށްޓަކައި ރާއްޖެއަށް ވަޑައިގެންނެވި ކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރު ދާއިރާތަކުން ބަދަހިވަމުންދާކަން ފާހަގަކުރައްވައި، މި ސެމިނާއަކީ ދިވެހިރާއްޖެއާއި ޗައިނާގެ ދެމެދުގައިވާ ދެމިގެންވާ ރަޙުމަތްތެރިކަމާއި އެއްބާރުލުމުގެ އިތުރު މިސާލެއްކަމުގައި އެކަމަނާ ފާހަގަކުރެއްވިއެވެ.
”މަސައްކަތުގެ މާހައުލުގެ ސަލާމަތްތެރިކަމަކީ ހަމައެކަނި ސިޔާސަތެއް ނޫންކަމާއި، އެއީ އެންމެންގެ ޒިންމާއެއް އަދި ދެމެހެއްޓެނިވި ޤައުމީ ތަރައްޤީގެ މުހިންމު ތަނބެއް“ ޝަރަފުވެރި މެހުމާނު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
”ރައްކާތެރި އަދި ދުޅަހެޔޮ މަސައްކަތު މާހައުލެއް އޮތުމަކީ އުފެއްދުންތެރި އަދި ވަރުގަދަ ޤައުމެއްގެ ސިފައެއް،“ ސްޓޭޓް މިނިސްޓަރު ވިދާޅުވިއެވެ.
މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމަށް އިތުރު ސަމާލުކަމެއް ދެވެމުންދިޔަ ނަމަވެސް، މަސައްކަތުގެ ސިއްޙަތާއި ސަލާމަތްތެރިކަމަކީ ދިވެހިރާއްޖޭގައި އަދިވެސް އިހުމާލުވެފައިވާ ދާއިރާއެކެވެ.
މި ގޮތުން ރާއްޖޭގައި މަސައްކަތުގެ މާޙައުލުގައި ލިބޭ އަނިޔާތަކާއި އަދި ހިނގާ ހާދިސާތައް ދަނީ އިތުރުވަމުންނެވެ.
މި ދާއިރާގައި ހުރި އެންމެ ބޮޑު ގޮންޖެހުމަކީ އޮކިއުޕޭޝަނަލް ހެލްތް އެންޑް ސޭފްޓީ (އޯއެޗްއެސް) ގެ ފަންނީ މާހިރުންގެ ދަތިކަން ކަމުގައި ފާހަގަކުރެވިފައިވެއެވެ.
މި ދަތިތައް ޙައްލުކުރުމަށްޓަކައި، 14 އޮކްޓޯބަރު 2024 ގައި ޢަމަލުކުރަން ފެށުނު އޮކިއުޕޭޝަނަލް ސޭފްޓީ އެންޑް ހެލްތް އެކްޓް (ޤާނޫނު ނަންބަރު 2/2024) އިން ޤާނޫނީ އޮނިގަނޑެއް ޤާއިމުކޮށްފައިވެއެވެ. މި ޤާނޫނުގެ ދަށުން ވަޒީފާދޭ ފަރާތްތަކުން މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަމުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ސަލާމަތީ އޮފިސަރުން ޢައްޔަންކުރުން ފަދަ ޤަވާއިދުތަކާ އެއްގޮތަށް ޢަމަލުކުރުން ލާޒިމުކުރެއެވެ.
މީގެ ތެރޭގައި މަސައްކަތުގެ މާޙައުލުގައި ލިބޭ އަނިޔާ ނުވަތަ މުވައްޒަފެއްގެ ފުރާނަ ގެއްލިދާ ހާލަތެއްގައި ބަދަލު ދިނުމުގެ މާއްދާތައްވެސް ހިމެނެއެވެ.
އައު ޤާނޫނުން މުހިންމު ބިންގަލެއް އަޅައިދީފައިވީ ނަމަވެސް، އޭގެ ކާމިޔާބީ ބިނާވެގެންވަނީ ދިވެހިރާއްޖޭގެ މުއައްސަސާތަކުގެ ޤާބިލުކަން އިތުރުކުރުމާއި، ހޭލުންތެރިކަން އިތުރުކުރުމާއި، އަދި ތަންފީޒުކުރުމުގެ ނިޒާމުތައް ހަރުދަނާކުރުމުގެ މައްޗަށެވެ.
މި ސެމިނާގައި ސަރުކާރުގެ އިދާރާތަކާއި، ދައުލަތުގެ ވިޔަފާރި ކުންފުނިތަކާއި، އަދި އަމިއްލަ ސެކްޓަރުން 50 ބައިވެރިން ބައިވެރިވެފައިވެއެވެ.




